Ads by PNC

ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ އުނިކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ އުނިކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 10:07

19 ފެބްރުއަރީ 2026، 10:07

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ. މި ބިލުގައިވާ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް، މި ފުރުސަތު ދޭނެ ވިޔަފާރިތަކުގެ ބާވަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުންނެވެ.

ޤާނޫނުގެ 4-65 ވަނަ މާއްދާއަށް ގެންނަ މި އިސްލާހުގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުން މިކަން ނިންމުމުގައި ރިއާޔަތް ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށް، އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމާއި، ދިގު މުއްދަތުގެ ވަޒީފާތައް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ދެމެދުގައިވާ ފަރަޤު ކުޑަކުރުމަށާއި، ވިޔަފާރީގެ ދާއިރާގައި އައު އީޖާދީ ގޮތްތައް ހޯދުމަށް ހިތްވަރު ދިނުމަކީވެސް މި އިސްލާހުގެ މަޤްޞަދެކެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ. ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުން މި ބިލު ބަލައިގަތުމަށް ފާސްވުމާ ގުޅިގެން، މިހާރު މި ބިލު ވަނީ ދިރާސާކުރުމަށް ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެފަދަ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްވި ޔަޤީންކަމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް މުޢިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ހުރިހާ ދަތިތަކަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450