ޚަބަރު
ފުލުސް އޮފީހުގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދުއާ ހަވާލުކޮށްފި
ވަގުތީގޮތުން ފުލުސް އޮފީހުގެ ހިންގުން ހަވާލުކުރި ފަރުހާދު---
ފަރުދުން
19 ފެބްރުއަރީ 2026، 10:42
19 ފެބްރުއަރީ 2026، 10:42
ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރގެ މަޤާމު ފަރުހާދުއާ ހަވާލުކޮށްފައި މިވަނީ، ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ޚިދުމަތުން ބުދަދުވަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
ޚިދުމަތުގައި ގާތްގަނޑަކަށް 32 އަހަރު ހޭދަކުރެއްވުމަށްފަހު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވަން ނިންމެވިކަން ނަވީން އިޢުލާންކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ނަވީން ރިޓަޔަރކުރެއްވުމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ވަގުތީ ގޮތުން ފުލުސް އޮފީސް ހިންގެވުމުގެ ޒިންމާ ހަވާލުކުރެއްވި ފަރުހާދު ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރގެ މަޤާމަށް ޕްރޮމޯޓުވީ 2024ވަނަ އަހަރުއެވެ.
ފުލުހުންގެ ޤާނޫނުގައިވާ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވާތާ 45 ދުވަސް ތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ. އެ މަޤާމަށް އައްޔަން ކުރާ ބޭފުޅަކު ކަނޑައަޅާނީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިރުޝާދުގެ ދަށުން، ޕޮލިސް ބޯޑުންނެވެ.