Ads by PNC

ޚަބަރު

ރޯދަ ހަދިޔާ ނުނަގާ ހުރި ގޭބިސީތަކަށް މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސައިފި

ރޯދަ ހަދިޔާ ނުނަގާ ހުރި ގޭބިސީތަކަށް މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސައިފި

ރޯދަ ހަދިޔާ ދޫކުރުން ފޮޓޯ: ހަތާވީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 11:15

19 ފެބްރުއަރީ 2026، 11:15

މާލެ ސަރަޙައްދުގައި ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ނުނަގާ ހުރި ފަރާތްތަކަށް، މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ ރޯދަ ހަދިޔާ ނުލިބިވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދޫކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

މާލެ ސަރަޙައްދުގައި ކުރިން 15 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުން ދިޔައީ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން ރޭގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރަމުން އައީ ހަމައެކަނި މާލޭގައި ހުންނަ މިފްކޯ ފިހާރައިންނެވެ. ނަމަވެސް އަލަށް ހަމަޖެއްސި އިންތިޒާމުތަކާއެކު، މާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވެސް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އާ އިންތިޒާމުގެ ދަށުން މަސްދަޅު ކޭސް ދޫކުރާނެ ތަންތަނަކީ:

  • މާލެ: މިނިސްޓްރީގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި)
  • ހުޅުމާލެ ފޭސް 1: މިފްކޯ ފިހާރަ
  • ހުޅުމާލެ ފޭސް 2: މިފްކޯ ފިހާރަ


މި މަރުކަޒުތަކުން ރޯދަ ހަދިޔާ ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.

މާލެ ސަރަޙައްދުގައި މިހާތަނަށް 54,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާއިރު، އަތޮޅުތަކުގެ ގިނަ ރަށްތަކުގައި މިހާރު ވަނީ މި މަސައްކަތް އެއްކޮށް ނިންމާލާފައެވެ. ސަރުކާރުގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާއިރު، ހުރިހާ ގޭބިސީއަކަށް ވެސް ސަރުކާރުގެ ރޯދަ ހަދިޔާ ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450