ދުނިޔެ

"ގްލޯބަލް ހަލާލް މާކް" އިއްތިހާދުގައި ދުނިޔޭގެ ހަތަރު ގައުމަކުން ބައިވެރިވެއްޖެ

"ގްލޯބަލް ހަލާލް މާކް" އިއްތިހާދުގައި ދުނިޔޭގެ ހަތަރު ގައުމަކުން ބައިވެރިވެއްޖެ

ގްލޯބަލް ހަމާލް ޓްރަސްޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 12:38

19 ފެބްރުއަރީ 2026، 12:38

ސައުދީ ހަލާލް ސެންޓަރުން އަލަށް ފެށި "ގްލޯބަލް ހަލާލް މާކް" އިއްތިހާދުގައި ދުނިޔޭގެ ހަތަރު ގައުމަކުން ބައިވެރިވެއްޖެއެވެ. މި އިއްތިހާދުގެ ދަށުން އެންމެ ފަހުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑޮނޭޝިއާ އަދި ތައިލެންޑާއެކުގައެވެ.

މައްކާ ހަލާލް ފޯރަމްގެ ހަވާސާގައި "އަލް-އިގްތިސާދިއްޔާ" ނޫހަށް މައުލޫމާތު ދެއްވަމުން ސައުދީ ހަލާލް ސެންޓަރުގެ ސީއީއޯ އަބްދުލްއަޒީޒް އަލް-ރުޝޫދީ ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މި އިއްތިހާދުގައި ބައިވެރިވާ ގައުމުތަކުގެ އަދަދު 10 އަށް އަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ "ހަލާލް" މާކްތައް އެއްގޮތްކޮށް، މި ދާއިރާގައި އިތުބާރު ހުރި އެންމެ މަތީ މިންގަނޑުތައް ގާއިމުކުރުމެވެ.

މި ފޯރަމްގައި އިޢުލާނުކުރި ދެވަނަ މުހިންމު ކަމަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާ ގުޅިގެން އުފެއްދި "ހަލާލް އެކަޑަމީ" އެވެ. މިއީ ހަލާލް ސިނާއަތާ ގުޅޭ އިލްމީ ދިރާސާތަކާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ދުނިޔޭގެ ފެންވަރުގައި ގާއިމުކުރި މަރުކަޒެކެވެ. މީގެ އިތުރުން، ގައުމުތަކުގެ މެދުގައި ކުރެވޭ ހަލާލް ވިޔަފާރިތަކުގެ މުާމަލާތްތައް ފަސޭހަކުރުމަށްޓަކައި "ގްލޯބަލް ހަލާލް ހަބް" ގެ ނަމުގައި ޑިޖިޓަލް ނިޒާމެއް ތައާރަފުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އަލް-ރުޝޫދީ އިތުރަށް ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އުފެއްދުންތަކަށް އިސްލާމީ ދުނިޔޭގެ ބާޒާރުތަކުން ފުރުސަތު ހޯދައިދިނުމަށްޓަކައި "ފުޑް މެނުފެކްޗަރާސް އެސޯސިއޭޝަން" އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ސައުދީގެ އެތައް ހާސް ފެކްޓްރީތަކަކަށް ހަލާލް މާކް ލިބި، ބައިނަލްއަގުވާމީ މާކެޓުގައި އެ ތަކެތީގެ މަގުބޫލުކަން އިތުރުވެގެންދާނެއެވެ.

އިސްލާމިކް ޗޭމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް ޚަލާވީ ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ހަލާލް މާކެޓުގެ އަގު 7 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 10 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

ހަލާލް ސިނާއަތުގައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާއެވެ. އެ ގައުމުން 5.5 ބިލިއަން ރިޔާލަ (1.4 ބިލިއަން ޑޮލަރު) މި ދާއިރާއަށް އިންވެސްޓްކޮށްފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި މެލޭޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ ކުވެއިތެވެ. އަދި ހަތަރުވަނައިގައި ޔޫއޭއީ އޮތްއިރު، ފަސްވަނައިގައި އޮތީ އިންޑޮނޭޝިއާއެވެ.

ސައުދީ ހަލާލް ސެންޓަރަކީ 2018 ވަނަ އަހަރު އުފެއްދި، ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދަށުން ހިންގާ ތަނެކެވެ. މި ސެންޓަރުން އުފެއްދުންތަކަކީ އިސްލާމީ ޝަރީއަތާއި ފަންނީ މިންގަނޑުތަކަށް ފެތޭ ތަކެތިތޯ ބަލައި ކަށަވަރުކުރުމަށްފަހު، ހަލާލް ސެޓްފިކެޓާއި "ހަލާލް" ލޯގޯ ބޭނުންކުރުމުގެ ހުއްދަ ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450