Ads by PNC

ޚަބަރު

މަރުގެ މައްސަލާގައި ތިލަފުށިން ހައްޔަރުކުރި ލަންކާ މީހާގެ ބަންދަށް އިތުރު 45 ދުވަސް

މަރުގެ މައްސަލާގައި ތިލަފުށިން ހައްޔަރުކުރި ލަންކާ މީހާގެ ބަންދަށް އިތުރު 45 ދުވަސް

ތިލަފުށީގައި އެކްސްކެވޭޓަރަކުން ކުނިތަކެއް ނަގަނީ / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

19 ފެބްރުއަރީ 2026، 12:58

19 ފެބްރުއަރީ 2026، 12:58

ތިލަފުށީގެ ވޯކް ސައިޓަކުން މަރުވެފައި އޮއްވާ ފެނުނު ބަނގުލަދޭޝް މީހާގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ޑްރައިވަރުގެ ބަންދަށް 45 ދުވަސް އިތުރުކޮށްފިއެވެ. 

ބަނގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ، އުމުރުން 24 އަހަރުގެ އަމީން މިއާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަންއިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. 

އޭނާގެ ބަންދަށް އެންމެ ފުރަތަމަ ހަތް ދުވަސް ދިނެވެ. އޭގެ ފަހުން ދިން 10 ދުވަސް އިއްޔެ އަށް ވަނީ ހަމަވެފައެވެ. ބަންދު މުއްދަތު އިތުރު ކުރަން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 45 ދުވަސް ދޭން ނިންމައިފައެވެ.

ފުލުހުންގެ އަމުރުގައިވާ ގޮތުން، ހެޝަން މަދުރަންގެއާ ދެކޮޅަށް ވަނީ އެކަށީގެންވާ މިންވަރަށް ހެކިލިބިފައެވެ. 

ކޯޓު އަމުރުގައި ބުނެފައިވަނީ،  ހެއްކެއްގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ހާދިސާ ހިނގި ފަހުން އަމިއްލަ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައި ވެއެވެ. އެހެންކަމުން އެއީ ފިލުމުގެ ފުރުސަތު ހޯދުމުގެ ޢަމަލެއް ކަމަށް ވަނީ ތުޙުމަތުކޮށްފައެވެ. 

އޭނާ ރާއްޖޭގައި މަސައްކަތް ކުރަނީ ޤަވައިދާ ޚިލާފަށްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީމީހާގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާއެކު އެހެން ދިމާލަކަށް ބަދަލުކުރެވި، ކުނިތައް ގައިމައްޗަށް އެޅުނީކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގެއެވެ. އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަންއިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެއެވެ. 

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450