ދީން

ﷲ ހަނދުމަކުރުމުގެ މަތިވެރި ނިޢުމަތުން މަޙްރޫމްވެފައިވާ ހިތަކީ ނިކަމެތިކަމުގައިވާ ހިތެއް

ﷲ ހަނދުމަކުރުމުގެ މަތިވެރި ނިޢުމަތުން މަޙްރޫމްވެފައިވާ ހިތަކީ ނިކަމެތިކަމުގައިވާ ހިތެއް

ﷲ ހަނދުމަކުރުމުގެ މަތިވެރި ނިޢުމަތުން މަޙްރޫމްވެފައިވާ ހިތަކީ ނިކަމެތިކަމުގައިވާ ހިތެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 01:17

19 ފެބްރުއަރީ 2026، 01:17

އިންސާނާގެ ފިޠުރަތަކީ އަބަދުމެ ކޮންމެވެސް ކަމަކަށް އެދިއެދި އޮތުމެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އުފާވެރިކަމާއި ނަފްސާނީ ހަމަޖެހުމުގެ އަސްލަކީ މުދަލާއި، މަތީ މަޤާމުތަކާއި، ދުނިޔަވީ ކާމިޔާބީތަކެވެ. ނަމަވެސް، މުޅި ދުނިޔޭގެ ހުރިހާ ނިޢުމަތެއް އިންސާނާގެ އަތްމައްޗަށް އޮއްސާލެވުނަސް، ހިތުގެ ފުންމިނުގައިވާ ހުސްކަން ފިލައިގެން ނުދާކަމީ އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. ދުނިޔަވީ ލައްޒަތްތަކުން ހިތް ފުރޭނެ ކަމަށް ހީކުރުމަކީ ނިމުމެއް ނެތް ކެހިވެރިކަމެކެވެ.

ދުނިޔެއަކީ އޭގެ ޒާތުގައި ވަގުތީ މަންޒިލެކެވެ. މިތަނުން ލިބޭ ކޮންމެ އުފަލަކީ ފަނާވެދަނިވި، ވަގުތީ އަރާމެކެވެ. އިންސާނާ ކިތަންމެ ބޮޑު ކާމިޔާބީއެއް ހޯދިޔަސް، ނުވަތަ ކިތަންމެ ގިނަ މުދަލެއް އެއްކުރިޔަސް، އޭނާގެ ރޫޙަށް ބޭނުންވާ ފަރުވާ ނުލިބޭނަމަ، އެ ހިތަކަށް ދުވަހަކުވެސް ޙަޤީޤީ ހަމަޖެހުމެއް ނުލިބޭނެއެވެ. ދުނިޔޭގެ ޒީނަތްތެރިކަމުގެ ފަހަތުން ދުވުމަކީ ކަނޑުގެ ލޮނުފެން ބޮއެގެން ކަރުހިއްކުން ފިލުވަން އުޅުން ފަދަ ކަމެކެވެ. ބުއި ވަރަކަށް ކަރުހިއްކުން އިތުރުވާ ފަދައިން، ދުނިޔަވީ އެދުންތަކުން އިންސާނާގެ ހިތް ދުވަހަކުވެސް ފުރިގެނެއް ނުދާނެއެވެ. ދުނިޔެއިން އުންމީދުކުރާ ފުރިހަމަކަމަކީ ހަމައެކަނި ފެންނަ ފެނުމަށް އޮންނަ ސޫރައެއް ފަދަ ކެހިވެރިކަމެކެވެ.

އިންސާނާގެ ހިތަށް ފުރިހަމަ ތަސައްލީއެއް ލިބި، ޙަޤީޤީ ހަމަޖެހުމާއި ހަމަހިމޭންކަން އިޙްސާސްކުރެވޭނީ، އެ ހިތް އުފެއްދެވި ޚާލިޤުވަންތަ ﷲ އާ އެ ހިތް ގުޅިގެންނެވެ. އެކަލާނގެ ޒިކުރުކުރުމާއި މަޢުރިފާކުރުމުން މެނުވީ ހިތްތަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. މި ބޮޑު ޙަޤީޤަތް ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ ސޫރަތުއް ރަޢުދުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: (أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ) މާނައީ: "ހިތްތައް މަޑުމޮޅިވެ ހަމަޖެހުންލިބެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

މި މަތިވެރި އާޔަތުން އެނގިގެންދަނީ، ދުނިޔޭގެ ހުރިހާ މުދަލަކާއި ލައްޒަތެއް ލިބުނު ކަމުގައިވިޔަސް، ﷲ ހަނދުމަކުރުމުގެ މަތިވެރި ނިޢުމަތުން މަޙްރޫމްވެފައިވާ ހިތަކީ ބަނޑުހައިހޫނުކަންމަތީގައިވާ ހިތެއް ކަމެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، ހަގީގީ މުއްސަނދިކަމަކީ ގިނަ މުދަލެއް ހުރުމެއް ނޫނެވެ. އެހެނެއްކަމަކު، ހަގީގީ މުއްސަނދިކަމަކީ ހިތުގެ މުއްސަނދިކަމެވެ. މި މުއްސަނދިކަން ލިބެނީ އެކަލާނގެއަށް ކިޔަމަންތެރިވެ، އެކަލާނގެ މަތިން ހަނދުމަކުރުން ގިނަކޮށްގެންނެވެ. ހިތުގައި އީމާންކަން ބަހައްޓައިގެން އުޅޭ މީހާއަށް، ދިރިއުޅުމުގެ ދަތި އުނދަގޫ ހާލަތްތަކުގައިވެސް އެހެން މީހުންނަށް ނުލިބޭ ފަދަ އާދަޔާޚިލާފު ހަމަޖެހުމެއް ލިބިގެންދެއެވެ.

އެހެންކަމުން، ދުނިޔޭގައި އުޅޭއިރު އަމާޒުތަކެއް ހާސިލުކުރަން މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ. ދިރިއުޅުން ބިނާކޮށް، އާއިލާއަށްޓަކައި މަސައްކަތްކޮށް ކާމިޔާބީއަށް އެދުމަކީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ. ނަމަވެސް، މި ވަގުތީ ދުނިޔެއަކީ ތިމާގެ ދާއިމީ މަންޒިލް ކަމުގައި ހަދައި، އާޚިރަތުގެ ދާއިމީ ބާއްޖަވެރިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

މުޅި ދުނިޔެ ހިތަކަށް ލިބުނަސް، އެ ހިތް ފުރޭނީ ހަމައެކަނި ﷲ ގެ ހަޟްރަތުން ލިބޭ ނޫރާއި ހަމަޖެހުމުންނެވެ. އަޅުގަނޑުމެންގެ ހަޔާތުގެ އަމާޒަކީ ﷲ ގެ ރުހިވޮޑިގަތުން ކަމުގައި ހަދައިފިނަމަ، ދުނިޔޭގެ ތަނަވަސްކަމާއި އާޚިރަތުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ލިބި، ހިތްތަކަށް ހަގީގީ އީދެއް އަންނާނެއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450