Ads by PNC

ޚަބަރު

މިއަހަރުގެ އިޙްޔާ ފޯރަމްތައް މިރޭ ފަށަނީ: ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރައްވާނީ ވަޒީރު ޑރ. ޝަހީމް

މިއަހަރުގެ އިޙްޔާ ފޯރަމްތައް މިރޭ ފަށަނީ: ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރައްވާނީ ވަޒީރު ޑރ. ޝަހީމް

އިޙްޔާ ފޯރަމް ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 01:44

19 ފެބްރުއަރީ 2026، 01:44

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ "އިޙްޔާ ފޯރަމް" ތަކުގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ 21:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ މައުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި އަހަރު މުޅި ޖުމުލަ 18 އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރެއިން 8 ފޯރަމް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލޭގެ ފޯރަމްތައް މިރެއިން ފެށިގެން އަންނަ މާރިޗު މަހުގެ 15 އާ ހަމައަށް ކުރިއަށްދާނެއެވެ. އިސްލާމީ ވުޒާރާއިން ވިދާޅުވި ގޮތުގައި މާލޭގައި މި ޖަލްސާތައް އޮންނާނީ ކޮންމެ ހޯމަ ވިލޭރޭއަކާއި ހުކުރު ވިލޭރޭއަކުއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ފޯރަމްތައް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތަކާއި ތާރީޚުތައް:

ތ. ދިޔަމިގިލި: 20 ފެބުރުވަރީ
ތިނަދޫ ސިޓީ: 23 ފެބްރުއަރީ
ގދ. މަޑަވެލި: 24 ފެބްރުއަރީ
ގދ. ގައްދޫ: 25 ފެބްރުއަރީ
ހއ. އިހަވަންދޫ: 27 ފެބްރުއަރީ
ޅ. ނައިފަރު: 3 މާރިޗު
ކ. ހިންމަފުށި: 4 މާރިޗު
ކ. ގުރައިދޫ: 6 މާރިޗު
ލ. މާވަށް: 9 މާރިޗު
ރ. މީދޫ: 11 މާރިޗު


އިޙްޔާ ފޯރަމްތަކަކީ ދީނީ އެކި މައުޟޫތަކަށް ދަރުސްދީ، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ދީނީގޮތުން އޮޅުންއަރާ ކަންކަމުގައި ފަސޭހައިން މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. މީގެ އިތުރުން ފޯރަމްތަކުގެ ތެރެއިން ދީނީ ފޮތްތައް ހަދިޔާކުރުމާއި އިނާމު ދިނުންވެސް ކުރިއަށްދާނެއެވެ.



މިއަހަރުގެ އިތުރު ހަރަކާތްތަކަށް ބަލާއިރު، މީސްމީޑިއާ މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވީޑިއޯ ކޮންޓެންޓުތައް އުފެއްދުމާއި، މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450