ވިޔަފާރި / ޚަބަރު

މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރަން 13 ފަރާތެއް މިހާތަނަށް ރަޖިސްޓްރީކޮށްފި

މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރަން 13 ފަރާތެއް މިހާތަނަށް ރަޖިސްޓްރީކޮށްފި

މިފްކޯ މަސް ފެކްޓަރީ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2026، 01:53

20 ފެބްރުއަރީ 2026، 01:53

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމަށްޓަކައި މިހާތަނަށް 13 ފަރާތަކުން ރަޖިސްޓްރީކޮށްފިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ 2014 ވަނަ އަހަރު ނަމަވެސް، މި އެއްބަސްވުމަށް އަމަލީގޮތުން އަމަލުކުރަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއިން ގައުމަކާއެކު އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ވިދާޅުވީ، ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށްޓަކައި ދިވެހިރާއްޖޭގެ 13 ފަރާތެއް ޗައިނާގެ "ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް" ގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގައި ބާނާ މަސް ހަމައެކަނި ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރުމުގެ ބަދަލުގައި، ވެލިއު އެޑްކޮށްގެން ނުވަތަ ޕްރޮސެސްކޮށްގެން ބޭރުކޮށް އިތުރު މަންފާ ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ސިނާޢަތުގެ އިތުރުން އެހެނިހެން އުފެއްދުންތެރި މަސައްކަތްތަކަށްވެސް ބޮޑެތި ފުރުސަތުތަކެއް ވަނީ ފަހިވެފައެވެ. ޚާއްޞަކޮށް ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮވުމަކީ އާންމު ރައްޔިތުންނަށް މީގެން ލިބޭނެ އެންމެ ބޮޑު އެއް ފައިދާކަމަށް ސަރުކާރުން ދެކެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވެ، އައު ވިޔަފާރިތައް އުފަންވުމަށް މަގުފަހިވާނެއެވެ. އަދި ޗައިނާގެ އައު އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450