Ads by PNC

ޚަބަރު

ޖުމްހޫރީ މައިދާން އާބާތުރަފިލުވުމުގެ 90 އިންސައްތަ މަސައްކަތް ނިންމައި، ވަގުތީގޮތުން ހުޅުވާލައިފި

ޖުމްހޫރީ މައިދާން އާބާތުރަފިލުވުމުގެ 90 އިންސައްތަ މަސައްކަތް ނިންމައި، ވަގުތީގޮތުން ހުޅުވާލައިފި

ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލެއްވުން ފޮޓޯ: އާރްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2026، 09:08

20 ފެބްރުއަރީ 2026، 09:08

އާބާތުރަފިލުވައި، ތަރައްޤީކުރުމުގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ބޮޑުބައެއް ނިންމައި، އާންމުންނަށް ވަގުތީގޮތުން މިއަދު ހުޅުވާލައިފިއެވެ.

ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޖުމްހޫރީ މައިދާން ވަގުތީ ގޮތުން ހުޅުވާލާފައިވަނީ ކުރަންޖެހޭ މަސައްކަތުގެ 90 އިންސައްތަ ނިންމާލުމަށްފަހުއެވެ. މާލޭގެ މަލަމަތީގެ ހައިބަތު ހިފަހައްޓައި، އެ ސަރަޙައްދުގެ ހިތްގައިމުކަން އިތުރުކުރުމުގެ މަގުސަދުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މި މައިޒާން އޮތީ ބަންދުކޮށްފައެވެ.

އާރުޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މައިދާން އެއްކޮށް ނިންމައި ހުޅުވުން ލަސްވީ ފްލޯރިންއަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ. ނަމަވެސް، ރޯދަމަހަކީ ގިނަ އަދަދެއްގެ ބަޔަކު ހިތްފަސޭހަކޮށްލުމަށް މި ސަރަޙައްދު ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، އާންމުންގެ ފަސޭހައަށްޓަކައި ވަގުތީގޮތުން ހުޅުވާލަން ސަރުކާރުން ނިންމެވީއެވެ.

މި ފަހަރުގެ ތަރައްޤީއާއެކު ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން:

  • ކޮންކްރީޓް ތަޅުން ބަދަލުކޮށް، ހިނގާބިނގާވެ އުޅެން ފަސޭހަ ވޯކްވޭތަކެއް ވަނީ ހަދާފައެވެ.
  • ކުރީގެ ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑީގެ ރީތި ފަރުމާގެ ބެންޗުތައް ބަހައްޓާފައިވެއެވެ.
  • ހިޔާކޮށްފައިވާ ބެންޗުތަކާއި، ގަސް އިންދައިގެން ފެހިކުރުމުގެ މަސައްކަތް ވަނީ ހިމަނާފައެވެ.
  • ލޭންޑްސްކޭޕިންގެ މަސައްކަތުން މުޅި ސަރަޙައްދުގެ ހިތްގައިމުކަން ވަނީ އިތުރުކޮށްފައެވެ.


އާރުޑީސީން ވިދާޅުވީ، ޖުމްހޫރީ މައިދާން ހުޅުވާލި ނަމަވެސް އަދިވެސް ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ބަންދުކޮށްފައި ހުންނާނެ ކަމަށެވެ. އެހެންކަމުން އެ ސަރަޙައްދުތަކަށް ނޭރުމަށާއި، މަސައްކަތަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.

ޖުމްހޫރީ މައިދާނަކީ ރާއްޖޭގެ ދިދަ ކޯއްޓޭއާއެކު ދިވެހިންގެ ފަޚުރުވެރި ތާރީޚީ މައިޒާނެކެވެ. މިއީ އާއިލާތަކާއި، ކުޑަކުދިންގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް ނުހަނު މަޤުބޫލު ސަރަޙައްދެކެވެ.

މާލޭގެ ދިރިއުޅުން ހިތްފަސޭހަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދަށުން، ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށްދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450