ސައިންސް

އެއަރ ފްރަޔަރު ބޭނުންކުރުން، ސިއްޙަތަށާއި ތިމާވެއްޓަށް ރައްކާތެރިކަމެއް : ދިރާސާ

އެއަރ ފްރަޔަރު ބޭނުންކުރުން، ސިއްޙަތަށާއި ތިމާވެއްޓަށް ރައްކާތެރިކަމެއް : ދިރާސާ

އެއަރ ފްރަޔަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2026، 09:48

20 ފެބްރުއަރީ 2026، 09:48

ކާބޯތަކެތި ތައްޔާރުކުރުމަށް މިހާރަކަށް އައިސް ގޭބިސީތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ވަސީލަތަކީ އެއަރ ފްރަޔަރެވެ. އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވަރސިޓީން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި، އާދައިގެ މަތިން ތެލުލައިގެން ކާތަކެތި ތައްޔާރުކުރުމާ އަޅާބަލާއިރު އެއަރ ފްރަޔަރު ބޭނުންކުރުމުން ވައިގެ ތެރެއަށް ބޭރުވާ ގެއްލުންހުރި މާއްދާތައް މަދެވެ. މި ދިރާސާގެ ތަފްސީލުތައް ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ "އީއެސް އެންޑް ޓީ އެއަރ" ގައި ވަނީ ޝާއިޢުކޮށްފައެވެ.

މި ދިރާސާގައި ބޭނުންކުރި ތަފާތު ތަހުލީލުތަކުން އެނގުނު ގޮތުގައި، އެއަރ ފްރަޔަރުން ބޭރުވަނީ ވަރަށް މަދު މިންވަރެއްގެ "ވޮލަޓައިލް އޯގަނިކް ކޮމްޕައުންޑްސް"  އާއި ކުދި ޒައްރާތަކެވެ. މީގެ ކުރިން ކުރެވުނު ދިރާސާތަކުންވެސް ވަނީ އެއަރ ފްރަޔަރުގައި ކުކުޅު ކައްކާއިރު ގެއްލުންހުރި މާއްދާތައް ބޭރުވާ މިންވަރު މަދުކަން ހާމަވެފައެވެ. މިފަހަރުގެ ދިރާސާގެ މައިގަނޑު މަގުސަދަކީ ގިނަ އަދަދަކަށް ސަރުބީ ނުވަތަ ފެޓް ހުންނަ ކާބޯތަކެތި ކެއްކުމުން ވައިގެ ފެންވަރަށް ކުރާ އަސަރު ބެލުމެވެ.

ދިރާސާ ކުރިއަށްގެންދިޔަ ގޮތާއި ނަތީޖާ

މި ދިރާސާ ކުރިއަށް ގެންދިޔައީ ޚާއްޞަ ކޮންޓްރޯލް ކުރެވިފައިވާ ކެބިންތަކެއްގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ކައްކައިގެންނެވެ. އޭގެ ތެރޭގައި ގަނޑުކުރި ކާތަކެއްޗާއި، ސަރުބީ މަދު ތަކެއްޗާއި، ގިނައިން ސަރުބީ ހުންނަ ކާތަކެތި ހިމެނެއެވެ. ދިރާސާއިން ފާހަގަވި ގޮތުގައި، ފްރޯޒަން އަނިއަން ރިންގްސް އާއި ބޭކަން ފަދަ ތަކެތި ކައްކާއިރު އެއަރ ފްރަޔަރއިންވެސް ބައެއް މާއްދާތައް ބޭރުވެއެވެ. ނަމަވެސް، ހަމަ އެ ތަކެތި އާދައިގެ މަތިން ތެލުލައިގެން ތައްޔާރުކުރާއިރު، އެއަރ ފްރަޔަރަށްވުރެ 10 ގުނަ އާއި 100 ގުނައާ ދެމެދުގެ މިންވަރަކަށް ވައި ތަޣައްޔަރުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން ތަޖުރިބާކާރުން ބުނަނީ ގޭތެރޭގެ ވައިގެ ފެންވަރު ރަނގަޅުކޮށް ބެހެއްޓުމަށް އެއަރ ފްރަޔަރަކީ ރައްކާތެރި ވަސީލަތެއް ކަމަށެވެ. ދިރާސާގައި އިސްކޮށް އުޅުއްވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދަކަށް ސަރުބީ ހުންނަ ކާތަކެތި ކެއްކުމުން އެއަރ ފްރަޔަރއިންވެސް ބައެއް މާއްދާތައް ބޭރުވި ނަމަވެސް، އެއީ އާދައިގެ މަތިން ތެލުލުމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތައް

އެއަރ ފްރަޔަރުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ އެ ސާފުތާހިރުކޮށް ބެލެހެއްޓުމެވެ. ދިރާސާއިން ދެއްކި ގޮތުގައި، 70 ފަހަރަށްވުރެ ގިނައިން ބޭނުންކޮށްފައިވާ އެއަރ ފްރަޔަރުތަކުން ބޭރުވާ ގެއްލުންހުރި މާއްދާތައް ގިނައެވެ. މީގެ މައިގަނޑު ސަބަބަކީ އެއަރ ފްރަޔަރުގެ އަތްނުފޯރާ ހިސާބުތަކުގައި ކާބޯތަކެތީގެ ބައިތަކާއި ސަރުބީ ހަރުލާފައި ހުރުމެވެ. މިގޮތަށް ހަރުލާފައި ހުންނަ ބައިތަކުގެ ސަބަބުން، ހުސްކޮށް އޮވެ އޮންކުރި ނަމަވެސް ގެއްލުންހުރި މާއްދާތައް ބޭރުވެއެވެ.

ދިރާސާގެ މުސައްނިފުން ލަފާދެއްވަނީ، އެއަރ ފްރަޔަރު އުފައްދާ ކުންފުނިތަކުން، އެ ތަކެތި ފަސޭހައިން ވަކިވަކިކޮށްގެން ސާފުކުރެވޭނެ ގޮތަށް ފަރުމާކުރުމަށެވެ. މިއީ މި ވަސީލަތުން ލިބޭ ސިއްޙީ ފައިދާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، އެއަރ ފްރަޔަރު ބޭނުންކުރާ ފަރާތްތަކުން ކޮންމެ ފަހަރަކު ބޭނުންކުރުމަށްފަހު ރަނގަޅަށް ސާފުކުރުމަކީ ގޭތެރޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450