ސައިންސް / ދުނިޔެ
50 އަހަރަށްފަހު އިންސާނުން އަލުން ހަނދަށް, އާޓެމިސް 2 މިޝަން އަންނަ މާރިޗު މަހު ފަށަނީ
ހަނދު ފޮޓޯ: އިންޓަނެޓް
ފާއިތުވި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންސާނުން ގޮވައިގެން ހަނދަށް ދިއުމަށް ކުރާ ދަތުރު އަންނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ފެށުމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އަމާޒު ހިފައިފިއެވެ. "އާޓެމިސް 2" ގެ ނަމުން ނަންދެވިފައިވާ މި މިޝަންއަކީ އިންސާނުން މިހާތަނަށް ޖައްވުގެ އެންމެ ދުރަށް ކުރާ ދަތުރަށް ވެގެންދާނެއެވެ.
މި ތާރީޚީ ދަތުރުގައި ބައިވެރިވަނީ އެމެރިކާގެ ތިން އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓަރ ގްލޯވާ އަދި ކްރިސްޓީނާ ކޮކްގެ އިތުރުން ކެނެޑާގެ އެސްޓްރޮނޯޓެއް ކަމަށްވާ ޖެރެމީ ހެންސަންއެވެ. ޖުމްލަ 10 ދުވަހުގެ މި ދަތުރުގައި އެ ބޭފުޅުން ހަނދުގެ އަނެއް ފަރާތަށް (އާންމުކޮށް ބިމަށް ނުފެންނަ ފަޅި) ދަތުރުކޮށް، އަނބުރާ ބިމަށް އަންނާނެއެވެ.
ނާސާއިން މި ތާރީޚު ކަނޑައަޅާފައިވަނީ ފްލޮރިޑާގެ ކެނެޑީ ސެންޓަރުގައި ކުރިއަށްގެންދިޔަ "ވެޓް ޑްރެސް ރިހާސަލް" ނުވަތަ ރޮކެޓަށް ތެޔޮ އަޅައިގެން ކުރިއަށްގެންދިޔަ އެންމެ ފަހުގެ ޓެސްޓުތައް ކާމިޔާބުވުމާ ގުޅިގެންނެވެ. މީގެ ކުރިން ފެބްރުއަރީ މަހު ކުރި ޓެސްޓުގައި ހައިޑްރޯޖަން ލީކެއް ދިމާވި ނަމަވެސް، މިހާރު އެ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ނާސާގެ އޮފިޝަލް ލޯރީ ގްލޭޒް ވިދާޅުވިއެވެ.
އެސްޓްރޮނޯޓުން ދަތުރުކުރާނީ 98 މީޓަރު އުސް "ސްޕޭސް ލޯންޗް ސިސްޓަމް" (އެސް.އެލް.އެސް) ރޮކެޓްގައެވެ. މިއީ މިހާތަނަށް ނާސާއިން އުފެއްދި އެންމެ ވަރުގަދަ ރޮކެޓެވެ. އެސްޓްރޮނޯޓުން ތިބޭނީ ރޮކެޓްގެ އެންމެ މަތީގައި އިންނަ "އޮރިއަން" ކެޕްސޫލްގައެވެ. ކުޑަ ބަހެއްގެ ސައިޒުގެ މި ކެޕްސޫލަކީ 10 ދުވަހުގެ މުޅި ދަތުރުގައި އެ ބޭފުޅުން ކައިބޮއި، ނިދައި އަދި މަސައްކަތްކުރާނެ ތަނެވެ.
ދަތުރުގެ ފުރަތަމަ ދުވަސް ބިމުގެ އޯބިޓްގައި ހޭދަކުރުމަށްފަހު، ހުރިހާ ނިޒާމުތަކެއް ރަނގަޅަށް މަސައްކަތްކުރާނަމަ އެސްޓްރޮނޯޓުން ހަނދާ ދިމާލަށް ދަތުރު ފަށާނެއެވެ. ހަނދާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް ހަތަރު ދުވަސް ނަގާނެއެވެ. މި ދަތުރުގައި ހަނދުގެ މަތިން 6,500 އާއި 9,500 ކިލޯމީޓަރާ ދެމެދުގެ އުސްމިނެއްގައި އެސްޓްރޮނޯޓުން ދަތުރުކުރާނެއެވެ. މި ވަގުތުގެ ތެރޭގައި ހަނދުގެ ފޮޓޯ ނެގުމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރާނެއެވެ.
ހަނދުގެ ވަށައިގެން ދަތުރުކުރުމަށްފަހު، އެސްޓްރޮނޯޓުން އަނބުރާ ބިމަށް އައުމަށް ހަތަރު ދުވަހުގެ ދަތުރެއް ކުރާނެއެވެ. މި ތާރީޚީ މިޝަން ނިންމާލުމަށް ހަމަޖެހިފައިވަނީ ޕެސިފިކް ކަނޑަށް ކެޕްސޫލް ޖެއްސުމުންނެވެ. "އާޓެމިސް 2" މިޝަންއަކީ ކުރިމަގުގައި އިންސާނުން އަލުން ހަނދަށް ފޭބުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.