ޚަބަރު
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި
މިއަދު ހުޅުވި މިސްކިތް/ފޮޓޯ: ސަން
ދާދި ފަހުން ނިޔާވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މަރުހޫމް ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި މިއަދު ބަންގްލަދޭޝްގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި މިސްކިތް ހުޅުއްވައިދެއްވީ ޝައިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ.
މި މިސްކިތް ބިނާކުރުމުގެ އެންމެހާ މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވި ޚިދުމަތް ޖަމިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި، މަރްހޫމް ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ބޭނުންވާ 7 ލައްކަ ރުފިޔާ ވަނީ ޢާންމުންގެ އެހީއަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް ލިބިފައެވެ. ހަމަ އެހެންމެ، ބަންގްލަދޭޝްގައި މިއަދު ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއްކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.
ޚިދުމަތް ޖަމްޢިއްޔާއިން މިހާރު ވަނީ، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ވެސް ޝައިޚް އިބްރާހިމް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިޢުލާނުކޮށްފައެވެ.
ޝައިޚް ފަރީދު ނިޔާވެފައިވަނީ، މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާއަށް ފައިބައިވަޑައިގެންނެވި ވަގުތު އެއާޕޯޓުގައި ހުންނަވަނިކޮށެވެ.