ޚަބަރު
ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރު ވެގެން ދަނީ އެކަމަށް މަގު ދައްކައިދޭ ބަޔަކު ތިބެގެން: ވަޒީރު އާދަމް ޝަރީފް ޢުމަރު
ވަޒީރު އާދަމް ޝަރީފް ޢުމަރް
ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުންގެ ހިއްސާ އިތުރުވަމުންދަނީ އެކަމަށް މަގުދައްކައިދޭނެ ބަޔަކު ތިބެގެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ލޯންޗުކުރުމަށާއި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ގިނައީ އަންހެނުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެކަމުން އެނގެނީ ޕީއެންސީން ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑުކަން ޤަބޫލުކުރާ މިންވަރު ކަމަށެވެ. "މިއީ ޝައްކެއް ނެތް ގޮތުގައި ޤައުމެއް ބިނާ ކުރުމުގައި ކޮންމެ ހާލަތެއްގައި ވެސް އެޤައުމަކަށް ވަރަށް މުހިންމު އަދި އަޅުގަނޑުމެން ވަރަށް އުންމީދު ކުރާ ކަމެއް. ޤައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާއާއި ނުލާ ކުރިއަށް ދިއުމަކީ ދަތި ކަމަކަށްވާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިޔާސީ އަދި ޤައުމީ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަކީ އަންހެނުން ބާރުވެރިކުރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރެއްވިއެވެ. މެޑަމް ސާޖިދާގެ ފަހަތްޕުޅުގައި ވަރުގަދަ ޓީމެއް އޮވެގެން އަންހެނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އިންތިޚާބަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު މާލެ ގެނެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިހާރުވެސް ކެމްޕޭނުގެ މަސައްކަތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި، ރަށްރަށުގެ ކެންޑިޑޭޓުން މާލޭގައި ވެސް ދޮރުން ދޮރަށް ހިނގައި ކެމްޕޭން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބަކީ ވަރަށް އުންމީދީ އިންތިޚާބެއް ކަމަށާއި، ސަރުކާރު ކޯލިޝަނަށް މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. "އަޅުގަނޑުމެންގެ ހިސާބު އަދިވެސް ދައްކަނީ 80 އިންސައްތައިން އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރެވޭތަން" ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ކާމިޔާބީގެ އަސްލަކީ ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ރައްޔިތުން ބަލައިގަންނަ ކަމަށް ވިދާޅުވެ ވަޒީރު ވާހަކަފުޅު ނިންމަވާލެއްވިއެވެ.