ދުނިޔެ
އެމެރިކާގެ އަސްކަރީ ބާރުތައް އިތުރުކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި، އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުން ބުނެފި
ޢާއްބާސް އަޣަރްޗީ
އެމެރިކާއާއެކު ސުލްހަވެރިކަމާއި ޑިޕްލޮމެސީއަށް އީރާނުން އޮތީ ތައްޔާރަށް ކަމަށާއި، އެމެރިކާއިން އިންޒާރުތައް ދެމުންދިޔަ ނަމަވެސް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އެމް.އެސް ނައު ޓީވީ ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި، ޑިޕްލޮމެޓިކް ހައްލެއް އޮތީ އަތްފޯރާފަށުގައި ކަމަށެވެ.
މެދުއިރުމަތީގައި އެމެރިކާއިން އަސްކަރީ ބާރުތައް އިތުރުކުރަމުންދާ ދިއުމަށް ފާޑުވިދާޅުވަމުން، އެއީ "ބޭނުންތެރި އަދި އެހީތެރިކަމެއް ލިބޭނެ ކަމެއް ނޫން" ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އަސްކަރީ ފިޔަވަޅެއް އެޅުމަކީ މުޅި ސަރަހައްދަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. މި އިންޓަވިއުއަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އީރާނުން ބުނަމުންދަނީ ޔުރޭނިއަމް މުއްސަނދިކުރުމަކީ އެގައުމުގެ ހައްގެއް ކަމަށާއި، އެއީ ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ (އެން.ޕީ.ޓީ) ޚިލާފު ކަމެއް ނޫން ކަމަށެވެ. އީރާނުން ނިއުކްލިއަރ ބޮން އުފައްދަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރާއިރު، އެގައުމުން ބުނަނީ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ހުއްޓާނުލި ނަމަވެސް، އެކަން ހަރުކަށިކޮށް މޮނިޓަރ ކުރުމަށް ފުރުސަތު ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ފަރާތުން މިހާރު ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމަށް (ޒީރޯ އެންރިޗްމަންޓް) ޝަރުތުކޮށްފައެއް ނުވެއެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ކަމެކެވެ. ދެން އޮތް ފިޔަވަޅަކީ އީރާނުން އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއަށް ލިޔުމުން ހުށަހެޅުމެއް ހުށަހެޅުން ކަމަށާއި، އޭގެ ފަހުން އެއްބަސްވުމުގެ ފައިނަލް ލިޔުމަށް ދެ ފަރާތުން އާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއިން ވަނީ އީރާނަށް އެއްބަސްވުމަކަށް އައުމަށް 10 ދުވަހާއި 15 ދުވަހުގެ މުހުލަތެއް ދީފައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު މަނަވަރު ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑް މިހާރު ދަނީ ގަލްފް ސަރަހައްދަށް ދަތުރުކުރަމުންނެވެ. ނަމަވެސް އަރަގްޗީ ވިދާޅުވީ އީރާނުގެ ރައްޔިތުންނަކީ ފަޚުރުވެރި ބައެއް ކަމަށާއި، އެމީހުން އިޖާބަދޭނީ ހަމައެކަނި "އިހުތިރާމުގެ ބަހަށް" ކަމަށެވެ.