ދުނިޔެ
އިޒްރާއީލުން ލުބުނާނަށް ދިން ހަމަލާތަކެއްގައި 12 މީހުން ޝަހީދުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ
ލުބްނާންގެ މަގެއްގެ މަތި
އިޒްރާއީލުން ލުބުނާނުގެ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަދުވެގެން 12 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
މިއީ 2024 ވަނަ އަހަރު ހިޒްބުالله އާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވެ ދީފައިވާ ހަމަލާތަކެކެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުގެ އިރުމަތީގައިވާ ބިގާ ވާދީގެ ރިޔާގް އަވަށުގެ އިމާރާތަކަށް ދިން ހަމަލާގައި 10 އަށްވުރެ ގިނަ މީހުން ޝަހީދުވެ 30 މީހުން ވަނީ ޒަޚަމްވެފައެވެ. އިޒްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ މިއީ ހިޒްބުاللهގެ ކޮމާންޑް ސެންޓަރުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، މި ހަމަލާގައި ހިޒްބުاللهގެ އަސްކަރީ ލީޑަރަކު ޝަހީދުވެފައިވާ ކަމަށް އެ ޖަމާއަތުގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ލުބުނާނުގެ ދެކުނުގައި އޮންނަ ސައިދަން ސިޓީގެ އަރިމަތީގައިވާ ފަލަސްތީނު ރެފިއުޖީންގެ އެންމެ ބޮޑު ކޭމްޕް ކަމަށްވާ އައިން އަލް-ހިލްވެހް އަށްވެސް އިޒްރާއީލުގެ ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފައެވެ. މި ހަމަލާގައި ދެ މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އިޒްރާއީލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ހަމާސްއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ އާންމުންނަށް އެހީތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރާ ބަދިގެއެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށް ބުނެފައެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައި ފަހުންވެސް އިޒްރާއީލުން ވަނީ 10,000 އަށްވުރެ ގިނަ ވައިގެ އަދި އެއްގަމު ހަމަލާ ލުބުނާނަށް ދީފައެވެ. މީގެ ތެރޭގައި 108 އާންމުން ޝަހީދުވެފައިވާ ކަމަށް އދ. އިން ކަށަވަރުކޮށްދެއެވެ. މީގެ ތެރޭގައި 21 އަންހެނުންނާއި 16 ކުޑަކުދިން ހިމެނެއެވެ.
އިޒްރާއީލުން ތަކުރާރުކޮށް އެއްބަސްވުންތަކާ ޚިލާފުވަމުންދާތީ، ލުބުނާނު ސަރުކާރުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހަޅާފައެވެ. ލުބުނާނުން ގޮވާލާފައިވަނީ އިޒްރާއީލުގެ ހަމަލާތައް ހުއްޓުވައި، އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައިވާ ލުބުނާނުގެ ސަރަހައްދުތަކުން ފޭބުމަށް ބާރުއެޅުމަށެވެ. މިހާރުވެސް އިޒްރާއީލުން ދަނީ ލުބުނާނުގެ ފަސް ސަރަހައްދެއް ހިފައިގެން ތިބެ، އެ ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް ހުރަސްއަޅަމުންނެވެ.