ދުނިޔެ /
ވިޔަފާރި
ޔޫކޭގެ ޕިޒާ ހަޓް ރެސްޓޯރަންޓްތައް ހިންގާ ކުންފުނި މާލީ ދަތިކަމާ ކުރިމަތިލައި 10 މިލިއަން ޕައުންޑް ހޯދަނީ
ޕިއްޒާ ހަޓް އައުޓްލެޓެއް ފޮޓޯ: އިންޓަނެޓް
ޔޫކޭގައި ޕިޒާ ހަޓްގެ ރެސްޓޯރަންޓްތައް ހިންގާ ކުންފުނި ހާޓް ވިތް ސްމާޓް (އެޗްޑަބްލިއުއެސް) އަށް ދިމާވެފައިވާ މާލީ ދަތިތަކާ ކުރިމަތިލުމަށް 10 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ ފާއިތުވި މަހު އިއުލާނުކުރެވުނު ބަޖެޓުގައި ވިޔަފާރިތަކުން ނަގާ ޓެކްސް އިތުރުކުރުމާ ގުޅިގެން އިތުރުވާނެ ޚަރަދުތަކާ ކުރިމަތިލުމަށް ކުރެވޭ މަސައްކަތެކެވެ.
އެޗްޑަބްލިއުއެސްއިން ބުނާ ގޮތުގައި މި ފައިސާ ހޯދުމަށް ވިސްނަނީ ވިޔަފާރީގެ ބައެއް ވިއްކާލައިގެން ނުވަތަ މިހާރު ހިއްސާދާރުންގެ އަތުން އިތުރު އިންވެސްޓްމަންޓް ހޯދައިގެންނެވެ. މި ފައިސާ ބޭނުންކުރާނީ ޓަޗް ސްކްރީން އޯޑަރިންގ ކިއޮސްކްތަކާއި ކޮންޓެކްޓްލެސް ޓޭބަލް އޯޑަރިންގ ފަދަ އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމަށެވެ.
މި އައު ޓެކްނޮލޮޖީގެ ސަބަބުން މަދު މުވައްޒަފުންނާއެކު ރެސްޓޯރަންޓްތައް ހިންގުމަށް މަގުފަހިވާނެ ކަމަށް ކުންފުނިން ބުނެއެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ބޮޑު ވަޒީފާ ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ.
2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވަޒީފާދޭ ފަރާތްތަކުން ދައްކަންޖެހޭ ނެޝަނަލް އިންޝުއަރަންސް ކޮންޓްރިބިއުޝަން 13.8 އިންސައްތައިން 15 އިންސައްތައަށް އިތުރުވާނެއެވެ. މީގެ އިތުރުން ނެޝަނަލް ލިވިންގ ވޭޖް 6.7 އިންސައްތަ އިތުރުވުމާއެކު، އެޗްޑަބްލިއުއެސްގެ މުވައްޒަފުންގެ ޚަރަދު އަންނަ އަހަރު 4 މިލިއަން ޕައުންޑް ނުވަތަ 14 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މި ބަދަލުތަކާ ގުޅިގެން ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށް، 200 އަށްވުރެ ގިނަ ފަރާތްތަކުން ސޮއިކޮށްފައިވާ ސިޓީއެއް ޗާންސެލަރަށް ފޮނުވާފައިވެއެވެ. އެ ސިޓީގައި މި ޓެކްސް އިތުރުކުރުމަކީ "ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ" ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ވިޔަފާރިތައް ބަންދުވެ ވަޒީފާތައް ގެއްލިގެންދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.