ދުނިޔެ
ލައްކާގެ ޖަލުތައް ތޮއްޖެހި، ކުށުގެ ތުހުމަތުގައި ތިބޭ މީހުން ގޭ ބަންދުގައި ބޭތިއްބުމުގެ މަސައްކަތް ފަށައިފި
ސްރީލަންކާގެ ދިފާއީ ބާރުތަކުން މަގުމަތީގައި ހަރަކާތްތެރިވަނީ---
ފަރުދުން
21 ފެބްރުއަރީ 2026، 02:42
21 ފެބްރުއަރީ 2026، 02:42
ލައްކާގެ ޖަލުތަކުގައި ކުށްވެރިން ގިނަވެ ތޮއްޖެހިފައިވުމުގެ ސަބަބުން، ކުށުގެ ތުހުމަތުގައި ތިބޭ މީހުން ގޭ ބަންދުގައި ބޭތިއްބުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ޤައުމުގެ ޖަސްޓިސް އެންޑް އިންޓަގްރޭޝަން މިނިސްޓަރު ހަރްޝަނާ ނަނަޔައްކަރަ ވިދާޅުވެއްޖެއެވެ.
ހަރްޝަނާ ވިދާޅުވީ، އެ ޤައުމުގެ ހުރިހާ ޖަލެއްގައި އެއްފަހަރާ ގެންގުޅެވޭނީ 10،500 ގައިދީން ނަމަވެސް، ޖަލުތަކުގައި މިހާރު އޭގެ ހަތަރު ގުނައާ ގާތްކުރާ އަދަދަކަށް، 39،000 އަށް ވުރެ ގިނަ މީހުން ތިބިކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަލުތަކުގައި އެންމެ ގިނައީ ކުށުގެ ތުހުމަތުގައި ތިބި މީހުންނެވެ. އެގޮތުން ކުށް ސާބިތުނުވާ 28،000 އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 20،000 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ ޤައުމުން މަސައްކަތް ކުރަމުން ދަނީ ޤާނޫނެއް އެކުލަވާލައިގެން ކަމަށާއި، އޭރުން ކުށުގެ ތުހުމަތުގައި ތިބޭ މީހުން ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ގޭ ބަންދުގައި ގެންގުޅޭވޭނެ މަގު ފަހުވެގެން ދާނެކަމަށް ހަރްޝަނާ ވިދާޅުވެއެވެ. ނަމަވެސް ގޭ ބަންދުގައި ބައިތިއްބާނީ މައްސަލައިގެ ބާވަތަށް ބަލާފައެވެ.
އަދި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރާ އަދި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އަދަބު މުރާޖައާކުރާނެ އަދި ލުއި ކުރެވޭނެ ރަސްމީ ނިޒާމެއް މިހާރު ނެތް ކަމަށާއި، އަދަބު ލުއި ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ޚާއްޞަ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާގެ ކޯޓުތަކުން 1.1 މިލިއަން މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެންކަމުން މައްސަލަތައް އަވަހަށް ބަލާ ނިންމުމަށް އީސްޓަރ ސަންޑޭގެ ހަމަލާ އާއި ރިޝްވަތުގެ މައްސަލަތަކަށް ޚާއްޞަ ކޯޓެއްގެ އިތުރުން ވެސް ހަތް ކޯޓެއް ޤާއިމް ކުރާނެ ކަމަށް ޖަސްޓިސް މިނިސްޓަރު ވިދާޅުވިއެވެ.