ދުނިޔެ
ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގައި އަލްއަޤްޞާ މިސްކިތަށް ވަނުން އިޒްރާއީލުން ހަނިކޮށްފި
އިޒްރާއިލްގެ ފިއްތުންތަކާއެކުވެސް ފަލަސްތީނުގެ މުސްލިމުން އަލް ގުދުސްގައި ހުކުރު ކުރި
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިސްލާމީ މުޤައްދަސް ބިނާއެއް ކަމަށްވާ އަލްއަޤްޞާ މިސްކިތަށް ފަލަސްޠީނުގެ ރައްޔިތުން ވަނުން އިޒްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ވަރަށް ބޮޑަށް ހަނިކޮށްފިއެވެ.
އިޒްރާއީލުން ވަނީ ގުދުސްގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިކޮށް، އަސްކަރީ ޗެކްޕޮއިންޓްތައް ޤާއިމުކޮށްފައެވެ. މީގެ އިތުރުން އިސްރާއީލުގެ ހަރުކަށި މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ މިސްކިތުގެ ހުރުމަތް ކަނޑައި، އެތަނަށް ވަދެ މުސްލިމް އަޅުވެރިންނަށް ކުރިމަތިލުންތަކެއް ހިންގާފައެވެ.
އާންމުގޮތެއްގައި ރަމަޟާން މަހުގެ ތެރޭގައި ހުޅަނގު އައްސޭރިން އެތައް ލައްކަ ފަލަސްޠީނު ރައްޔިތުންނެއް އަލްއަޤްޞާ މިސްކިތުގައި ނަމާދުކުރުމަށް ދަތުރުކުރެއެވެ. ނަމަވެސް، އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އިޢުލާނުކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ 3.3 މިލިއަން މީހުންގެ ތެރެއިން އެ ދުވަހު މިސްކިތަށް ވަނުމުގެ ހުއްދަ ދޭނީ އެންމެ 10،000 މީހުންނަށް ކަމަށެވެ. މިގޮތުން މިސްކިތަށް ވަނުމަށްޓަކައި ކޮންމެ ނަމާދަކަށް ވަކިން ޚާއްޞަ ހުއްދައެއް ކުރިއާލާ ހޯދަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އިޒްރާއީލުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން މިސްކިތަށް ވަނުމުގެ ހުއްދަ ލިބެނީ 12 އަހަރުން ދަށުގެ ކުދިންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުންނަށާއި، 50 އަހަރުން މަތީގެ އަންހެނުންނަށް އެކަންޏެވެ. ރިޕޯޓްތައް ބުނާގޮތުން ހެނދުނުގެ ވަގުތުގައި ޤަލަންދިޔާ ޗެކްޕޮއިންޓުން ގުދުސްއަށް ވަދެވުނީ އެންމެ 2,000 އެއްހާ މީހުންނަށެވެ. ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ހުއްދަ ނެތް ކަމަށް ބުނެ ޗެކްޕޮއިންޓްތަކުން ވަނީ އަނބުރާ ފޮނުވާލާފައެވެ.
މަންޒަރު ދުށް މީހުން ބުނާގޮތުގައި، ޤަލަންދިޔާ ޗެކްޕޮއިންޓުގައި ހަރަކާތްތެރިވި ނޫސްވެރިންނާއި މެޑިކަލް ޓީމުތަކަށް އިޒްރާއީލު ސިފައިން ވަނީ ހުރަސްއަޅާފައެވެ. އަދި ހަތަރު ޕެރަމެޑިކުން ކުޑަވަގުތުކޮޅަކަށް ހައްޔަރުކުރި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން، އަލްއަޤްޞާ މިސްކިތުގައި ރޯދަ ވީއްލުމަށް ގެންދާ ކާތަކެތި އެތެރެކުރުންވެސް އިޒްރާއީލުން ވަނީ މަނާކޮށްފައެވެ.
އިސްލާމީ ވަޤުފް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ހުރިހާ ހުރަސްތަކާއެކުވެސް ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދުގައި 80,000 މީހުން ބައިވެރިވިއެވެ. މިއީ ކުރީ އަހަރުތަކުގައި ބައިވެރިވާ 250,000 އެއްހާ މީހުންނާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. އިޒްރާއީލު ފުލުހުން ވަނީ ގުދުސްގެ ބޯދާ ސިޓީގެ މަގުތަކުގައި 3,000 އަށްވުރެ ގިނަ އޮފިސަރުން ފޯރިމެރުމަށް ބައިތިއްބާފައެވެ.
އިޒްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު ބެން-ގްވީރު ވަނީ ރަމަޟާން މަހުގެ ތެރޭގައި ފަލަސްޠީނު މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިޒްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ. ފާއިތުވި އަހަރުތަކުގައިވެސް ރަމަޟާން މަހުގެ ތެރޭގައި އިޒްރާއީލު ސިފައިން ވަނީ މިސްކިތަށް ވަދެގަނެ، އަޅުވެރިންނަށް އަނިޔާކޮށް ހައްޔަރުކޮށްފައެވެ.