ދުނިޔެ /
ޚަބަރު
އިންޑިއާގެ މަހުޖަނު އަމްބާނީގެ ދަރިފުޅު މުސަޅާއި ކުކުޅު ގަންނަން މަކުނުދޫއަށް
އަމްބާނީ ދަރިފުޅު މަކުނުދޫގައި
އިންޑިއާގެ މަޝްހޫރުމަހުޖަނު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އަނަންތު އަންބާނީ މިއަދު ހދ. މަކުނުދޫއަށް ޒިޔާރަތްކޮށްފިއެވެ. އަނަންތު އޭނާގެ އަނބިކަނބަލުން ރާދިކާ މާޗެންޓާއެކު ހދ. އަތޮޅު މަކުނުދޫގެ ބޮޑު ފަޅު ތެރޭ އޮންނަ ސޮނެވާ ސީކްރެޓްގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.އަދި މިދަތުރުގައި ވަނީ ޖެޓްސްކީއެއްގައި އެކަނި މަކުނުދޫއަށް ޒިޔާރަތްކޮށްފައެވެ.
މަކުނުދޫއަށް އެރުމާއެކު އަނަންތުގެ އެންމެ ފުރަތަމަ ސުވާލަކަށްވީ ކުކުޅާއި މުސަޅު ލިބޭނެ ތަނެއް ހޯދުމެވެ. ރަށުގެ މީހުންގެ އިރުޝާދާއެކު، އޭނާ މުސަޅާއި ކުކުޅު ގެންގުޅޭ ގެއަކަށް ގޮސް 400 ރުފިޔާއަށް މުސަޅަކާއި ކުކުޅެއް ގަތެވެ. މީގެ އިތުރުން، އަނަންތު ދޫނި ގެންގުޅޭ ގެއަކަށްވެސް ޒިޔާރަތްކުރި ނަމަވެސް، އެ ގޭގައި މީހަކު ނެތުމުން އަނބުރާ ދިޔައެވެ.
އަނަންތު އަންބާނީއަކީ ޖަނަވާރުތަކަށް ލޯބިކުރާ މަޝްހޫރު ފަރާތެކެވެ. އޭނާއަކީ އިންޑިއާގައި އަދި މުޅި ދުނިޔޭގައިވެސް ހުރި އެންމެ ބޮޑު އެނިމަލް ޝެލްޓަރުގެ ވެރިފަރާތެވެ. މި ޝެލްޓަރުގައި ގިނަ އަދަދެއްގެ އެތާއި އެހެނިހެން ޖަނަވާރުތައް، އެ ތަކެތީގެ ޠަބީޢީ ވެށި ނުގެއްލޭ ގޮތަށް ބަލަހައްޓަމުން ގެންދެއެވެ. މިއީ އަނަންތު ހިލޭ ސާބަހަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
އަނަންތު އަންބާނީ ޗުއްޓީ ހޭދަކުރަމުންދާ ސޮނެވާ ސީކްރެޓަކީ ރާއްޖޭގެ އެންމެ ހުޅަނގަށް އޮތް މަކުނުދޫ ރައްޔިތުން ޕިކްނިކަށް ގޮސް އުޅުނު ދިއްޕަރަފުށީގައި ސޮނޭވާއިން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓަކީ އެންމެ ބޮޑަށް ޕްރައިވެސީ ލިބޭ އެންމެ އެކަހެރި ރިސޯޓުގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.
މަކުނުދޫގެ މި ކުރު ދަތުރުގައި އަނަންތު ޖެޓްސްކީގައި އެކަނި ދިޔަ ނަމަވެސް، އޭނާގެ ފަހަތުން އެހެން ޖެޓްސްކީއެއްގައި ބޮޑީގާޑެއް ދިޔައެވެ. އަދި އަނަންތު މަކުނުދޫން ފައިބައިގެން ޖެޓްސްކީގައި އަނބުރާ ދިޔައިރު، އޭނާގެ ބޮޑީގާޑުންނާއި ރިސޯޓުގެ މުވައްޒަފުންނާއެކު ލޯންޗެއް އެ ރަށުގައި އޮތެވެ.