ދުނިޔެ

ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު އެމެރިކާގެ ގްލޯބަލް ޓެރިފް %15 އަށް ބޮޑުކުރަން ޓްރަމްޕް ނިންމަވައިފި

ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު އެމެރިކާގެ ގްލޯބަލް ޓެރިފް %15 އަށް ބޮޑުކުރަން ޓްރަމްޕް ނިންމަވައިފި

ޓްރަމްޕްގެ ރެލީއެއްގެ ތެެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 10:59

22 ފެބްރުއަރީ 2026، 10:59

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިމްޕޯޓް ޓެކްސް ނުވަތަ ޓެރިފްގެ ގޮތުގައި ނަގާ މިންވަރު 10 އިންސައްތައިން 15 އިންސައްތައަށް ބޮޑުކުރައްވާނެކަން އިޢުލާނު ކުރައްވައިފިއެވެ.

 މި ނިންމެވުން އައިސްފައިވަނީ ޓްރަމްޕް މީގެ ކުރިން އިޢުލާނު ކުރެއްވި ޓެރިފްތަކަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ކަނޑައެޅިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބަދަލަށް ވަގުތުން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަކީ "މޮޔަ، ދަށް ފެންވަރެއްގެ އަދި އެމެރިކާއާ ދެކޮޅު" ނިންމުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ޓެކްސް ކަނޑައެޅުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށް ކަމަށްވާތީ، ރައީސަށް އަމިއްލަފުޅަށް ޓެރިފް ކަނޑަނޭޅޭނެ ކަމަށެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ޓްރަމްޕް މިހާރު ވަނީ 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ 122 ވަނަ މާއްދާގެ ދަށުން އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. މި މާއްދާގެ ދަށުން އެންމެ މަތީ މިންވަރަކަށް ނެގޭނީ 15 އިންސައްތައެވެ. ނަމަވެސް، މިގޮތަށް ނަގާ ޓެރިފްތައް 150 ދުވަހަށްވުރެ އިތުރު ކުރެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެންނެވެ. މީގެ ކުރިން އެއްވެސް ރައީސަކު މި މާއްދާގެ ބޭނުން ހިފާފައި ނުވާތީ، މިއީ އަނެއްކާވެސް ޤާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ޓެރިފްތަކުން ބައެއް ބާވަތްތައް އިސްތިސްނާވާނެއެވެ. އޭގެ ތެރޭގައި މުހިންމު މިނަރަލްތަކާއި، މެޓަލް އަދި ހަކަތައިގެ އުފެއްދުންތައް ހިމެނެއެވެ. މީގެ އިތުރުން، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުވަތަ ބޭއިންސާފު ވިޔަފާރީގެ އުސޫލުތައް ގެންގުޅޭ ޤައުމުތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ޓެރިފް ބޮޑުކުރުމަކީ ޓްރަމްޕްގެ އިޤްތިޞާދީ އެޖެންޑާގެ މުހިންމު ބައެކެވެ. އެމަނިކުފާނު ދެކިލައްވާ ގޮތުގައި މީގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރިކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެހެން ޤައުމުތަކަށް ބާރު އެޅިގެންދާނެއެވެ. "ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި، ޤާނޫނީ ގޮތުން ހުއްދަ އައު ޓެރިފްތައް ކަނޑައަޅައި، އެމެރިކާ އަލުން ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ފެޑަރަލް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް އެމެރިކާގެ ޓްރެޜަރީއަށް ޓެރިފްގެ ގޮތުގައި 133 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ނަމަވެސް ކޯޓުގެ ނިންމުމާ ގުޅިގެން، ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކުންނާއި ވިޔަފާރިތަކުން ދަނީ އެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450