ދުނިޔެ

ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި، ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި، ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 11:53

22 ފެބްރުއަރީ 2026، 11:53

ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އެ ގައުމުގައި ދާދިފަހުން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.

އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން މި ހަމަލާތައް ކުށްވެރިކޮށް ބުނެފައިވަނީ، އާދީއްތަ ދުވަހު ދިން މި ހަމަލާތައް އަމާޒުވެފައިވަނީ ނަންގަރްހާރު އަދި ޕަކްތިކާ ޕްރޮވިންސްގެ ދީނީ މަދަރުސާއަކަށާއި އާންމުން ދިރިއުޅޭ ގެތަކަށް ކަމަށެވެ. މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، އަނިޔާވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނާ ގޮތުގައި ހަމައެކަނި ނަންގަރްހާރުންވެސް 17 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޕާކިސްތާނު ތާލިބާން (ޓީޓީޕީ) އާއި އެ ޖަމާއަތާ ގުޅުންހުރި ހަތް މަރުކަޒަކަށް އަމާޒުކޮށް ދިން "އިންޓެލިޖެންސްގެ މައްޗަށް ބިނާވި" ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. މީގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުންހުރި ގްރޫޕަކަށްވެސް މި ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އިސްލާމްއާބާދާއި، ބަޖައުރު އަދި ބައްނޫ ޑިސްޓްރިކްޓްގައި ދާދިފަހުން ދިން ހަމަލާތަކަކީ އަފްޣާނިސްތާނުގައި ތިބި ލީޑަރުންގެ އިރުޝާދުގެ ދަށުން ދީފައިވާ ހަމަލާތަކެކެވެ. އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގެ މިސްކިތަކަށް ފެބްރުއަރީ 6 ވަނަ ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލާގައި 31 މީހުން މަރުވެ 170 މީހުންނަށް އަނިޔާވިއިރު، އެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ޕާކިސްތާނަށް ހަމަލާދޭ ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތާލިބާން ސަރުކާރަށް ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ. ނަމަވެސް ކާބުލްގެ ސަރުކާރުން އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ޕާކިސްތާނުން ބުނެއެވެ. ޕާކިސްތާނުން ބުނީ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ގުޅުމަށް އިތުރު ނުތަނަވަސްކަމެއް ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހިނގި ކުރިމަތިލުންތަކަށްފަހު ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިކަމުގެ ސަބަބުން ބުރޫއަރާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450