ރިޕޯޓް
ސަރުކާރުގެ ފުރަތަމަ އަހަރު: ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް
ސަރުކާރުގެ ފުރަތަމަ އަހަރު: ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމާއެކު، ޞިއްޙީ ދާއިރާގައި ވަނީ ގިނަ ކުރިއެރުންތަކެއް ހާސިލުކުރެވިފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ވަނީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކަކަށް އަޕްގްރޭޑް ކުރެވިފައެވެ. މި ބަދަލާއެކު ރާއްޖޭގައި އެޑްވާންސްޑް ފަރުވާ ދެވޭނެ މަގު މަގު ވަނީ ތަނަވަސްވެފައެވެ.ރާއްޖޭން ބޭރުން ހޯދަމުން އައި ބައެއް ފަރުވާ ރާއްޖެއިން ލިބޭގޮތް މިވަނީ މަގުފަހިވެފައެވެ.
ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް އާއި އެކު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައިވަނީ ގިނަ ވަސީލަތްތަކެއް އިތުރުކޮށްފައެެވ.ެނިމިދިޔަ 5 އަހަރުތެރޭގައި އެ ހޮސްޕިޓަލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފާފައިނުވާތީ އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދީފައެއް ނުވެއެވެ. އޭގެ ސަބަބުން އެތަނުގައި ހުރި މެޝިނަރީތައް ހަލާކުވެ، މަރާމާތައް ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހުނުކަން ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ސަރުކާރުން ރަސްމީކޮށް ހުޅުވާފައި މިވަނީ، މީގެކުރިން ނުލިބޭ ގިނަ ޚިދުމަތްތައް ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަށްފަހުއެވެ.
މީގެ އިތުރުން ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް ޤާއިމްކޮށް ހުޅުމާލެ ހޮސްޕިޓަލްވެސް ވަނީ ޓަރޝަރީ ފެންވަރުގައި ހުޅުވާފައެވެ. މިތަނުގައި ހިމެނެނީ ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 އޮޕަރޭޓިން ކޮޓަރިއެވެ.
މި ތިއޭޓަރ ކޮމްޕްލެކްސްއާއެކު ލެޕަރަސްކޯޕިކް ސަރޖަރީތައް ފަސޭހަކަމާއި އިތުބާރާއެކު ކުރެވޭނެ މަގުފަހިވެގެންދާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ވިއުގަ ފުޅާކުރުމުގެގޮތުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް މި ތިއޭޓަރުތަކުގައި ސަރޖަރީތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓު، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ޔުނިޓުގައި ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ. މިތަނުގައި 14 އެނދުހުރެއެވެ.
2025 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލް އިފްތިތާޙު ކުރެވޭނެކަމަށް އިޢުލާނުކުރައްވާފައެވެ. މީގެ އިތުރުން ލ. އަތޮޅުގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް އަދި ހުޅުމާލޭގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މި ޑިޕާޓްމަންޓަކީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޞިއްޙީ އާލާތްތައް ސާފުކުރުމުގެ މަސައްކަތްކުރާ ތަނެވެ. މީގެ ކުރިން ހޮސްޕިޓަލުގައި ހުންނަނީ އާލާތްތައް ސާފުކުރަން ބޭނުންކުރާ އެއް މެޝިނެވެ. ނަމަވެސް ޒަމާނީ ފެންވަރުގެ މެޝިނަރީއާއެކު މި ޤާއިމްކުރެވުނު ޑިޕާޓްމަންޓާއެކު މެޑިކަލް އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ގާއިމްކުރެވުނު އޮޕަރޭޝަން ތިއޭޓަރ ބައްލަވާލައްވަނީ
މީގެ ކުރިން ނުލިބޭ ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް މާލޭ ސިޓީ އިން ލިބެން ހުރުމަކީ ސިއްޙީ ދާއިރާއަށް ރައީސް ދެއްވާ އަހައްމިޔަތުކަން ހާމަވާ ހެއްކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައު ޚިދުމަތްތައް ތަޢާރަފްކޮށް، މިހާރު ދެމުންދާ ޚިދުމަތްތައް ކުރިއަރުވައި، މިދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމެވެ.
މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް މިދައުރުގެ ތެރޭގައު ހުޅުމާލޭގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް ތަރައްޤީކުރާ ހޮސްޕިޓަލުގެ ތަރައްޤީކުރުމަށް ފަހުމުނާމާގައި މެލޭޝިޔާގެ ކުންފުންޏާކާއެކު ސޮއިކޮށް، ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް ޚިދުމަތް ދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރަކަށްވާއިރު، އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ބިމުގައި ކެންސަރު ހޮސްޕިޓަލަށް ޚާއްސަ އިމާރާތް ކުރުމަށް މިހާރު ވަނީ ފުރަތަމަ މަރުހަލާގައި ހަދާ ޑިޒައިނާއި ކޮންސެޕްޓްގެ މަސައްކަތް ނިންމާފައެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަޖެޓު ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ކުރެވި، މި މަޝްރޫޢާ ގުޅޭ ޗައިނާގެ ޓެކްނިކަލް ޓީމެއް މިހާރު ވަނީ ރާއްޖެ އައިސް، މަސައްކަތް ފަށާފައެވެ.ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހަމަޖެހުނު ހިލޭ އެހީގައި ހިންގަވަން ނިންމެވި މަޝްރޫޢެކެވެ.
މި ހޮސްޕިޓަލުގައި އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރެވޭނެއެވެ.އަދި އެފަދަ މީހުން ބަލިން މުޅިން ފަސޭހަވަންދެން، ހުރިހާ މަރުހަލާއެއްގެ ޚިދުމަތް ހޮސްޕިޓަލުން ދޭނެއެވެ.މީގެއިތުރުން ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށްދޭ ޚާއްސަ ފަރުވާއާއި ފީނައިގެން ޑީކޯވާ މީހުންނަށް ދޭ ފަރުވާއާއި، އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް ދޭނެއެވެ. މި ހޮސްޕިޓަލް ވިލިމާލޭގައި ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުޅިފަޅުގައި މީހުން އާބާދުވުމުން އެމީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ހޮސްޕިޓަލެއް ހުރުން މުހިންމުވާތީކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ރާއްޖޭގެ 5 ސަރަހައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކުރުއްވާ ވަގުތު އިތުރު ކުރައްވުން ވެގެން ގޮސްފައިވަނީ ރަައްޔިތުން އުފަލާއިއެކު ބަލައިގަތް ކަމަކަށެވެ.އަދި ބޮޑެތި ލުއިފަސޭހަ ތަކެއް ރައްޔިތުންނަށް ލިބިގެންދިޔައެވެ.
މީގެއިތުރުން ސިއްހީ ދާއިރާގައި ފަންނީ މުވައްޒަފުން ބިނާ ކުރުމަށްވެސް ސަރުކާރުން އަންނަނީ ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަރުސްކަން ކިޔަވާ ކުދިންގެ ޑިމާންޑް އިތުރުވުމާއެކު ޤައުމީ ޔުނިވަރސިޓީއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ސްކޫލް އޮފް ނަރސިންގެ އައު އިމާރާތެއް އެޅުމަށް ނިންމާ އެތަން އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ޔުނިވަރިސިޓީން ވަނީ އިޢުލާންކޮށްފައެވެ.މި ސަރުކާރުން އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތައް ތަރައްޤީކުރާނީ ޓްރެއިނިން ފެސިލިޓީސްތަކާއެކުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރ އަލިފުއްޓާއި ނ މަނަދޫގެ އިތުރުން މ. މުލީގަ އައު ހޮސްޕިޓަލް އެލުމަސްވެސް ވަނީ އެމްޓީސީސީއާއި އެކު ސޮއިކުރެވިފައެވެ.އައު ހޮސްޕިޓަލް އަޅުމަށް އެމްޓީސީސީއާ ހާވާލުކުރި 3 ރަށުގެ ތެރެއިން ނ. މަނަދޫ އާއި މ. މުލީގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލްތަކެކެވެ.
މީގެ އިތުރުން ރ. އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އަޅަން ހަވާލުކޮށްފައިވާއިރު، އެރަށުގައި ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމާފައިވަނީ އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލާއި އެރަށާއި ދުރުވުމުގެ ސަބަބުންނެވެ.
ސިއްހީ ދާއިރާގަ އެންމެ ދަތި އަދި ހިތްދަތި ކަމެއް ތަހައްމަލް ކުރަމުން ދާ އެއްބަޔަކީ ތެލެސީމިއާ ޕޭޝަންޓުން ކަމުގައި ވާއިރު ރައީސް ވަނީ ހާއްސަ އަހައްމިޔަތުކަމެއް ތެލެސީމިއާގެ ފަރުވާއަސް ދެއްވާފައެވެ.
ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޯން މެރޯ ހެދުމަށް މިއަހަރުގެ ތެރޭ އިތުރު 10 ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރެއިން 5 ކުދިން މިއަހަރުގެ މެދުތެރޭގައި ފަރުވާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި އަހަރުގެ ފަހުކޮޅު އިތުރު 5 ކުދިން ފޮނުވާނެކަމަށްވެސް ސަރުކާރުން މައުލޫމާތު ދެއެވެ.
މީގެ ކުރިން ބޯން މެރޯ ޓެސްހެދުމަށް ކުރަންޖެހޭ މަސައްކަތަކީ އުނދަގޫކަމެއްކަން ފާހަގަކުރައްވާ ޚަލީލު ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ތިބިގެން ބޯންމެރޯ ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.
އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތްކޮދޭނެ ބަޔަކު ހޯދުމަށް ވެސް ވަނީ އިއުލާންކޮށްފައެވެ. މިއީ ޕާކިސްތާނުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ސަރުކާރުން ވަނީ "ހެލްތު އެކްސްޕޯ 2024" ގެ ނަމުގައި ޞިއްޙީ ދާއިރާގެ ކުރިއެރުންތައް ދައްކުވައިދޭ އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބާރުއަޅާ މައުރަޒެއް ވެސް ބާއްވާފައެވެ. މި މައުރަޒަކީ ޞިއްޙީ ދާއިރާގެ ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
މި ހުރިހާ ކަމަކީ ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ދޭ އިސްކަމުގެ ހެއްކެކެވެ. މި މަޝްރޫޢުތަކާއެކު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ޞިއްޙީ ދާއިރާގެ ކުރިއެރުން އިތުރަށް ފެންނާނެކަމާއިމެދު ޝައްކެއްނެތެވެ.