ދުނިޔެ

އިޒްރާއީލު ސެޓްލަރުން ހުޅަނގު އައްސޭރިން 4،700 ފަލަސްތީނު ރައްޔިތުން ގެދޮރުން ނެރެލައިފި

އިޒްރާއީލު ސެޓްލަރުން ހުޅަނގު އައްސޭރިން 4،700 ފަލަސްތީނު ރައްޔިތުން ގެދޮރުން ނެރެލައިފި

އިޒްރާއިލްގެ ސެޓްލަރުން އަދި އިޒްރާއިލް ސިފައިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 12:42

22 ފެބްރުއަރީ 2026، 12:42

އިޒްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއީލުގެ ސެޓްލަރުން ދެމުންދާ ހަމަލާތައް އިތުރުވުމުގެ ސަބަބުން، ފަލަސްތީނުގެ 880 އާއިލާއަކަށް ނިސްބަތްވާ 4،700 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އދ. އިން ހުކުރު ދުވަހު ހާމަކޮށްފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، އިސްރާއީލުގެ ސިފައިންނާއި ސެޓްލަރުން އެ ސަރަހައްދުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި މަޖުބޫރުކުރުވުންތައް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކުން ފާހަގަކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބޭފުޅުން އިންޒާރު ދެއްވަނީ، އިޒްރާއީލު ސިފައިންނާއި ސެޓްލަރުންގެ ފަރާތުން ކުރިމަތިވާ އަނިޔާވެރިކަމުގެ ސަބަބުން މީހުން މަރުވެ، މުދަލަށް ގެއްލުންވެ، އަދި މަޖުބޫރުން މީހުން ގެދޮރުން ބޭރުކުރަމުންދާ ކަމަށް،" ޑުޖަރިކް ވިދާޅުވިއެވެ.

ފެބްރުއަރީ 3 އާއި 16 އާ ދެމެދު އިޒްރާއީލު ސިފައިން ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރިން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރާފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ. ހަމަ އެ މުއްދަތުގައި ސެޓްލަރުން ދިން 86 ހަމަލާއެއްގައި 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، 60 އަވަށަކުން 146 މީހުން ވަނީ ގެދޮރުން ބޭރުކޮށްލާފައެވެ.

މުޚްމާސް އަވަށުގައި އުމުރުން 19 އަހަރުގެ ފަލަސްތީނު-އެމެރިކާގެ ރައްޔިތެއް ކަމަށްވާ ނަސްރުﷲ އަބޫ ސިޔާމް ޝަހީދުކޮށްލި ހާދިސާ އދ. އިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ސެޓްލަރުން އޭނާގެ ގަޔަށް ބަޑިޖަހައި އަދި އަނިޔާކުރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މި ހަމަލާ ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ޣައްޒާގެ ހާލަތާ ގުޅޭގޮތުން އދ. އިން ބުނީ، ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅެމުންދާ ވަގުތީ ހިޔާވަހިތަކަކީ ތޮއްޖެހިފައިވާ އަދި ރައްކާތެރިކަން ކުޑަ ތަންތަން ކަމަށެވެ. މި ތަންތަނުގައި ކެއްކުމަށް ހުޅުޖަހައިގެން އުޅުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން 12 އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ދަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރަމުންނެވެ.

އދ. އިން އިތުރަށް ފާހަގަކުރި ގޮތުގައި ޣައްޒާގެ ގިނަ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި އަދިވެސް އިސްރާއީލުގެ ހުއްދަ ހޯދަން ޖެހެއެވެ. ފެބްރުއަރީ 12 އާއި 19 އާ ދެމެދު ރޭވި 67 ދަތުރުގެ ތެރެއިން އިޒްރާއީލުން ހުއްދަ ދީފައިވަނީ 43 ދަތުރަށެވެ. ނުވަ ދަތުރަކަށް ހުއްދަ ނުދޭއިރު، ބައެއް ދަތުރުތައް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކެންސަލްކުރަން ޖެހިފައެވެ.

ޑުޖަރިކް ހާމަކުރެއްވި ގޮތުގައި، ނަގޫރާ ކައިރީގައި ވާޖިބު އަދާކުރަން ހުރި އދ. ގެ ސުލްހަ ބަލަހައްޓާ މީހަކާ އިޒްރާއީލު ސިފައިން ވަނީ ކުރިމަތިލާފައެވެ. މި ހާދިސާގައި އިޒްރާއީލު ސިފައިން ވަނީ ގާތްގަނޑަކަށް 10 މީޓަރު ދުރުމިނުން އޭނާއާ ދިމާލަށް ބަޑި އަމާޒުކޮށް، އެ ތަނުން ދިއުމަށް އަމުރުކޮށްފައެވެ.

އދ. އިން ވަނީ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އަމާޒުކޮށް ހިންގާ މިފަދަ ބިރުދެއްކުމުގެ އަމަލުތަކާއި، އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުން ވަގުތުން ހުއްޓާލުމަށް އަނެއްކާވެސް ގޮވާލާފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގައި އދ. އިން ސިފަކުރެއެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، އާންމު ރައްޔިތުންނާއި އެހީ ފޯރުކޮށްދޭ އޮޕަރޭޝަންތަކަށް ވަރުގަދަ ރައްކާތެރިކަމެއް ނުލިބޭނަމަ، ކުރިއަށް އޮތް ހަފުތާތަކުގައި ޣައްޒާ، ހުޅަނގު އައްސޭރި އަދި ދެކުނު ލުބުނާނުގެ ހާލަތު މިހާރަށްވުރެ ބޮޑަށް ގޯސްވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450