Ads by PNC

ޚަބަރު

ފ. އަދި ދ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި

ފ. އަދި ދ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި

އާރްޓީއެލް ފެރީ ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ފެބްރުއަރީ 2026، 12:42

22 ފެބްރުއަރީ 2026، 12:42

މިދިޔަ އަންގާރަ ދުވަހު ފ. އަތޮޅަށާއި ދ. އަތޮޅަށް އަލަށް ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތުގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން  އާންމުކޮށްފިއެވެ.

 އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކުގެ ތެރެއިން އެއްކޮޅު ދަތުރެއްގެ އެންމެ ހެޔޮ އަގަކީ 35 ރުފިޔާއެވެ. އަދި އެންމެ އަގުބޮޑުކޮށް އެތެރޭގެ ދަތުރެއް ކުރަނީ 70 ރުފިޔާއަށެވެ. ދެކޮޅު ދަތުރެއްނަމަ، އަގުތައް އުޅެނީ 65 ރުފިޔާއާއި 130 ރުފިޔާއާ ދެމެދުގައެވެ.

ދ. އަތޮޅުގެ އެތެރޭގެ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، އެންމެ އަގުހެޔޮކޮށް އެއްކޮޅު ދަތުރެއް ކުރަނީ 35 ރުފިޔާއަށެވެ. އަދި ދެކޮޅު ދަތުރެއްގެ އެންމެ ހެޔޮ އަގަކީ 65 ރުފިޔާއެވެ. ނަމަވެސް ފ. އަތޮޅުގެ ރޫޓުތަކާ އަޅާބަލާއިރު ދ. އަތޮޅުގެ ބައެއް ރޫޓުތަކުގެ އަގުތައް ބޮޑެވެ. އެގޮތުން ދ. އަތޮޅުގައި އެންމެ އަގުބޮޑުކޮށް ކުރާ އެއްކޮޅު ދަތުރެއްގެ އަގަކީ 125 ރުފިޔާއެވެ. އަދި ދެކޮޅު ދަތުރެއްގެ އެންމެ ބޮޑު އަގަކީ 225 ރުފިޔާއެވެ.

މީގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކުގެ އަގުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދެ އަތޮޅު ދެމެދު އެއްކޮޅު ދަތުރެއްގެ އަގު އުޅެނީ 130 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގައެވެ. ދެކޮޅު ދަތުރެއްނަމަ އަގުތައް އުޅެނީ 260 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގައެވެ.

އެމްޓީސީސީން ބުނި ގޮތުގައި، އާރުޓީއެލް ފެރީގެ ޓިކެޓު ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ބުކް ކުރެވޭނެއެވެ. ޚިދުމަތް އަލަށް ފެށުމުގެ ގޮތުން އެމްޓީސީސީން ވަނީ މި ދެ އަތޮޅުގައި އެއް ހަފުތާގެ މުއްދަތަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފައެވެ.

2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މި ޚިދުމަތަކީ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ޚިދުމަތެކެވެ. ނަމަވެސް، ފެރީތަކުގެ އަދަދު އިތުރުނުކޮށް ޚިދުމަތް ފުޅާކުރަމުން ދިއުމުގެ ސަބަބުން، ކުރިން ޚިދުމަތް ފެށި އަތޮޅުތަކުގައި ތާވަލާ އެއްގޮތަށް ދަތުރުތައް ނުކުރެވޭތީ އާންމުންގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450