ދުނިޔެ

ޣައްޒާގައި ފަލަސްތީނު މީހުން ރޭޕްކުރާ ކަމަށް ބުނި ސިފައިންގެ މީހާގެ ދިފާއުގައި އިޒްރާއީލް އަސްކަރިއްޔާ ނުކުމެއްޖެ

ޣައްޒާގައި ފަލަސްތީނު މީހުން ރޭޕްކުރާ ކަމަށް ބުނި ސިފައިންގެ މީހާގެ ދިފާއުގައި އިޒްރާއީލް އަސްކަރިއްޔާ ނުކުމެއްޖެ

ފަލަސްޠީނުގެ މީހުން ރޭޕް ކުރާ ކަމަށް ބުނާ އިޒްރާއިލްގެ ސިފައިންގެ މީހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 01:13

22 ފެބްރުއަރީ 2026، 01:13

ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ރޭޕްކުރަމުންދާ ކަމަށް ކެމެރާ ކުރިމަތީގައި އިއުތިރާފުވި އިޒްރާއީލް ސިފައިންގެ މީހެއްގެ ވީޑިއޯއެއް އާންމުވެ، ބޮޑު ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން އިޒްރާއީލް އަސްކަރިއްޔާއިން އެ ސިފައިންގެ މީހާ ދިފާއުކޮށްފިއެވެ.

 މި ވީޑިއޯއާ އެކު ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ޖިންސީ ގޯނާގެ މައްސަލަތައް އަނެއްކާވެސް ވަނީ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައެވެ.

ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ޖެފް ޑޭވިޑްސަންއަށް ދިން އިންޓަވިއުއެއްގައި އެ ސިފައިންގެ މީހާ ވަނީ، ޣައްޒާގައި ހިންގަމުންދާ ހަމަލާތަކާ ބެހޭގޮތުން ވާހަކަދައްކަމުން "އަހަރެމެން ހަމައެކަނި އެމީހުން މަރަނީއެއް ނޫން، އަހަރެމެން އެމީހުން ރޭޕްވެސް ކުރަނީ" ކަމަށް ބުނެފައެވެ. އިސްރާއީލް ހަޔޯމް ނޫހަށް މައުލޫމާތު ދެމުން އިޒްރާއީލް އަސްކަރިއްޔާއިން ބުނީ މިއީ ހުއްދަ ނެތި ދީފައިވާ އިންޓަވިއުއެއް ކަމަށެވެ.

މި މައްސަލައިގައި އާންމުންގެ ރުޅިވެރިކަން އިތުރުވުމާ ގުޅިގެން، އިޒްރާއީލް އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސިފައިންގެ މީހާ އެހެން ބުނީ ސަމާސާއަކަށް ކަމަށާއި، އެއީ އަސްކަރިއްޔާގެ އުސޫލުތަކާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ އެ ސިފައިންގެ މީހާއަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި، މިލިޓަރީ ޕޮލިހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. "އެ ސިފައިންގެ މީހާގެ ބަސްތަކަކީ އިޒްރާއީލް އަސްކަރިއްޔާގެ އޮޕަރޭޝަންތަކާއި އަގުތައް ރަމްޒުކޮށްދޭ އެއްޗެއް ނޫން" ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.

އާންމުވެފައިވާ ވީޑިއޯގައި، އެ ސިފައިންގެ މީހާ ވަނީ ޣައްޒާގެ ހުރިހާ ތަނެއް މިހާރު އޮތީ "ސުންނާފަތިކޮށްލާފައި" ކަމަށް ބުނެ ފަހުރުވެރިކަމާ އެކު ވާހަކަދައްކާފައެވެ. އަދި އޭނާ ވަނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން މަރާފައިވާ ކަމަށްވެސް އެ އިންޓަވިއުގައި އިއުތިރާފުވެފައެވެ. އިސްރާއީލް އަސްކަރިއްޔާއިން މިއީ ސަމާސާއެއް ކަމަށް ބުނި ނަމަވެސް، އޭނާ ވާހަކަދެއްކި ރާގާއި ދެއްކި އެހެން ވާހަކަތަކުން ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ފަލަސްތީނުގެ ރައްޔިތުން ވަނީ އިޒްރާއީލުގެ ޖަލުތަކާއި ހައްޔަރުކުރާ މަރުކަޒުތަކުގައި ޖިންސީ އަނިޔާ ކުރާ ކަމުގެ ގިނަ ހެކިތަކެއް މީގެ ކުރިންވެސް ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ސިޑޭ ޓޭމަން ޑިޓެންޝަން ސެންޓަރުގައި އިޒްރާއީލް ސިފައިން ގްރޫޕް ހަދައިގެން ފަލަސްތީނުގެ ކުށްވެރިއަކަށް ޖިންސީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެވެ.

މިފަދަ ހާދިސާތަކާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާއިރު، އިޒްރާއީލުގެ ބައެއް ގްރޫޕްތަކުން ދަނީ މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ސިފައިންނަށް ހިމާޔަތް ދިނުމަށް ގޮވާލާ މުޒާހަރާވެސް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450