ޚަބަރު
ކުޑަކުދިންގެ ޕާކު ޤާއިމުކުރުމަށް ބޭނުންވާ ސެޓްތައް 14 ރަށަކަށް ފޮނުވަން ފަށައިފި
ޕާކަށް ބޭނުންވާ ސެޓްތައް/ފޮޓޯ: ވުޒާރާ
ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް 14 ރަށެއްގައި ޕާކް ޤާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ނިކުތް ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން އެ ކުދިން ކުޅެލާނެ ޕާކެއް ނެތިގެން އެ ވާހަކަ ރައީސުލްޖޫމްހޫރިއްޔާއަށް ދެންނެވުމާ ގުޅިގެން، ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން، 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހަމަޖައްސަވާފައިވެއެވެ.
ކުޑަކުދިންގެ ޕާކު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) ހިމެނެއެވެ. އެގޮތުން، މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ 6 ރަށަކަށާއި، އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ 4 ރަށަށެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްޤީކުރުމުގެ މަސައްކަތް 3 އެސްއޯއީއަކާއެކު 29 މާޗް 2026 ގައި ސޮއިކުރެވިފައިވާއިރު، ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި 10 ނޮވެމްބަރު 2025 ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ބާކީ 8 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތައްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.