ޚަބަރު
ފީލްޑް އެޕިޑިމިއޮލޮޖީ ޓްރެއިނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ތަމްރީން ފުރިހަމަކޮށްފި
ތަމްރީނު ނިންމުން/ފޮޓޯ: ވުޒާރާ
ފީލްޑް އެޕިޑިމިއޮލޮޖީ ޓްރެއިނިންގ ޕްރޮގްރާމް (އެފް.އީ.ޓީ.ޕީ)ގެ ފްރަންޓްލައިން ބޭސިކް ލެވެލްގެ ފުރަތަމަ ބެޗްގެ ތަމްރީން ފުރިހަމަކޮށްފި އެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، 4 މަސް ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ 16 އަތޮޅަކުން ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
މި ޕްރޮގްރާމަކީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ޕެންޑަމިކް ފަންޑްގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީންގެ މަޤްޞަދަކީ ފީލްޑް އެޕިޑިމިއޮލޮޖީގެ ދާއިރާއިން ޢަމަލީ ތަމްރީނުތައް ފޯރުކޮށްދީ، ޢާންމު ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އާންމު ޞިއްޙަތާއި ގުޅުންހުރި ކުއްލި ޙާލަތްތަކުގައި އިޖާބަ ދިނުމުގެ ޤާބިލުކަން ހަރުދަނާ ކުރުމެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ފީލްޑް އެޕިޑިމިއޮލޮޖީ ޓްރެއިނިންގ ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބަލިމަޑުކަމެއް އުޅޭ ޙާލަތެއްގައި އެކަން އަވަހަށް ދެނެގަނެ، ބަލިތައް އުޅޭ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމާއި، މީގެ ސަބަބުން ޢާންމު ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ހުނަރުތައް ހަރުދަނާ ކުރުމަށް ކަމަށެވެ.
އަދި މިފަދަ ރޭވުންތެރި ތަމްރީނުތަކުގެ ސަބަބުން، ޤައުމީ ފެންވަރުގައި ތައްޔާރީ ހާލަތު ވަރުގަދަވެ، ރާއްޖޭގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ނިޒާމުތަކާއި ބަލިތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ އެވެ.