ޚަބަރު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރުގެ އައު އިމާރާތް ހުޅުވައިދެއްވުން، 25 މެއި 2025 / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
22 ފެބްރުއަރީ 2026، 07:05
22 ފެބްރުއަރީ 2026، 07:05
ދިވެހިރާއްޖޭގެ ތެލެސީމިއާ ސެންޓަރުން މީގެ ކުރިން ހުކުރު ދުވަހު ރަސްމީކޮށް ޚިދުމަތް ދެމުން ނުދިޔަ ނަމަވެސް، ހުކުރު ދުވަހަކީ ވެސް އެ ސެންޓަރުން ރަސްމީކޮށް ޚިދުމަތްދޭނެ ދުވަހެއްކަމަށް ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ޚިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވީ، 1994 ވަނަ އަހަރު ޑިސެމްބަރ 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވައި އެ ތަނުގެ ޚިދުމަތް ދޭން ފެށިތާ މިހާރު 31 އަހަރުވެފައިވާއިރު، މީގެ ކުރިން ރަސްމީކޮށް ހުކުރު ދުވަހު އެ ތަނުން ޚިދުމަތްދީފައި ނުވާކަމަށެވެ.
ނަމަވެސް 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު ޖުމްލަ 14 ޓްރާންސްފިއުޝަން ވަނީ ހަދާފައެވެ. އަދި 5 ފަރާތަކުން ވަނީ ލޭ ހަދިޔާކޮށްފައެވެ.
ރަމަޟާން މަސް ނިމުނަސް، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިއެއްގައި ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މި އިޞްލާޙީ ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ތެލެސީމިއާ ސެންޓަރުގެ ހިންގުމާއި ޚިދުމަތްތައް ހަރުދަނާކުރެއްވުމުގެ މަސައްކަތްތަކަކީ، މިހާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރައްވާ މަސައްކަތްތަކެއްކަމުގައި ވަނީ ހަމަޖައްސަވާފައެވެ. އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކޮށްދެއްވައި، މިހާރު ލިބެންހުރި ޚިދުމަތްތައް ހަރުދަނާކުރައްވައި، ލުއި ގޮތްތައް ފަހިކޮށްދެއްވުމަށެވެ.