ޚަބަރު
ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---
ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ކޮމެޓީތަކަކީ ރާއްޖޭގެ އިޤުތިޞާދާއި އެންމެ ބޮޑަށް ގުޅިފައިވާ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެކަށައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކޮމެޓީތަކެކެވެ.
އެގޮތުން ސަރުކާރުން އެކުލަވާލުމަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ"، އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އެވެ.
މި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް އިތުރު ފުރުޞަތު ދެއްވުމަށްޓަކައި، މިއަދުން ފެށިގެން 3 މާރިޗް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އީމެއިލް [email protected]މެދުވެރިކޮށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުންނެވެ.
ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުގެ އިތުރުން، ވެބަސައިޓުން ޑައުންލޯޑު ވެސް ކުރެވޭނެކަމަށް އެ އޮފީހުން ހާމަކުރެއެވެ.