ޚަބަރު
ހުސްކުރި "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން އެމްއެފްޑީއޭއިން އަންގައިފި
މާރުކޭޓުގައި އެއްފުޅިން އަނެއްފުޅިއަށް ކުރުނބާ ފެން އަޅަނީ. ފޮޓޯ: މިހާރު
ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ "ޕެޓް" ފުޅިތައް ހުސްވުމުން، އޭގައި އަލުން ކާބޯތަކެތި ބަންދުކޮށްގެން ވިޔަފާރި ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެ އޮތޯރިޓީން މިގޮތަށް އަންގާފައިވަނީ ބާޒާރުގައި ބައެއް ވިޔަފާރިވެރިން މިފަދަ ފުޅިތަކުގައި ތަކެތި ބަންދުކޮށްގެން ވިއްކަމުންދާކަން ފާހަގަކުރެވިގެންނެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ޞިއްޙީ ގޮތުން ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ އޮތޯރިޓީން ވަނީ ސިފަކޮށްފައެވެ.
ފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކަކީ "ޕޮލިއެތިލީން ޓެރަތަޔަލޭޓް" ނުވަތަ ޕެޓް (PET) ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ، އެއްފަހަރު ބޭނުންކޮށްފައި އުކާލަން ޖެހޭ އެއްޗެއް ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެއްފަހަރަށްވުރެ ގިނައިން މިބާވަތުގެ ޕްލާސްޓިކް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެ އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ.
އެމްއެފްޑީއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމުގެ ސަބަބުން ފުޅީގައި ހިމެނޭ ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށްކޮށް، އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންކަމުން ބޯފެނާއި ލުއި ބުއިން ބަންދުކޮށްފައި ހުންނަ ފުޅި ހުސްވުމުން، އެފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް ވިޔަފާރިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބާޒާރުގައި ކުރުނބާ ފަންޏާއި އެކި ބާވަތުގެ ބުއިންތައް ވިއްކުމުގައި މިފަދަ ހުސްކުރި ފުޅިތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ގޭބިސީތަކުގައިވެސް ފަނި އެޅުމަށާއި ފެން ބެހެއްޓުމަށް މިފަދަ ފުޅިތައް އާންމުކޮށް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.