ޚަބަރު
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިފި
އާސަންދަ އޮފީސް---
ފަރުދުން
22 ފެބްރުއަރީ 2026، 09:53
22 ފެބްރުއަރީ 2026، 09:53
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޑޮލަރު ގަތުމަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ މީހުން އެ ބޭންކުން ޑޮލަރު ގަތުމަށް އެދި އެ ބޭންކުގެ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށްފަހު އެ އެޕްލިކޭޝަންގެ އަދާހަމަ މަޢުލޫމާތު ވެސް އެޕް މެދުވެރިކޮށް ބެލޭނެކަމަށް ހާމަކޮށްފައިވެއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުގެ ތެރެއިން އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތަކަށް 2000 ޑޮލަރާއި ހަމައަށް ބޭންކުން ދަނީ ޑޮލަރު ވިއްކަމުންނެވެ. އަދި އަމިއްލައަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރާއި ހަމައަށް ވިއްކައެވެ. މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް ވިއްކާ 500 ޑޮލަރުގެ އިތުރުން ބީއެމްއެލްއިން ވިއްކާ ޑޮލަރެވެ.
ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރު ޖަމާކޮށްދޭނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތެއްގެ އެކައުންޓަށެވެ.
📌 Requesting for Medical Dollars is now simpler. pic.twitter.com/fFT8HVdCiw
— Bank of Maldives (@bankofmaldives) February 22, 2026
ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރު ގަންނަ އެދި ހުށަހަޅާއިރު، އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ހުށަހަޅާނަމަ، އާސަންދަ ނުވަތަ އެންސްޕާ އެހީ ލިބުނުކަމުގެ ލިއުމާއި، ޓިކެޓް އަދި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި 3 ވަނަ ފަރާތެއްގެ އެކައުންޓަށް ނުވަތަ ބަލިމީހާއާއި އެކު ދަތުރުކުރާ އެހީތެރިއަކަށް ފައިސާ ޖަމާ ކުރާނަމަ ބަލިމީހާއި ފައިސާ ޖަމާކުރާ ފަރާތާއި އޮތް ގުޅުން އެނގޭނެ ލިއުމެއް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.
ބީއެމްއެލްއިން ޑޮލަރު ވިއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އިތުރުން، އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް މިދިޔަ ނޮވެންބަރު މަހު ވަނީ އިތުރުކޮށްފައެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށްވަނީ އިތުރުކޮށްފައެވެ.