ޚަބަރު
މާލޭގެ ފެންހިންދާ ނިޒާމު އޮޓޮމޭޓު ކުރުމުގެ މަސައްކަތް ޖަޕާން ކުންފުންޏަކާ ހަވާލުކޮށްފި
މާލޭގެ ފެންހިންދާ ނިޒާމު އޮޓޮމޭޓު ކުރުމުގެ މަސައްކަތް ޖަޕާން ކުންފުންޏަކާ ހަވާލުކުރުން---
ފަރުދުން
22 ފެބްރުއަރީ 2026، 11:00
22 ފެބްރުއަރީ 2026، 11:00
މާލޭގެ ފެންހިންދާ ނިޒާމު އޮޓޮމޭޓު ކުރުމުގެ މަސައްކަތް ޖަޕާން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ޕެކޭޖު 2 ގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ޒަމާނުއްސުރެން ބޮޑު، އަދި އޭގެ އުނދަގޫ މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ފޯރަމުންދާ މައްސަލައެކެވެ. ފެންބޮޑުވުމުގެ ސަބަބުން އާންމުންގެ އަގުބޮޑު މުދަލަށް ވެސް ވަނީ އެތައްފަހަރެއްގެ މަތިން ގެއްލުންވެފައެވެ.
ޖަޕާނުގެ ޑިޒާސްޓަރ ރެސިލިއެންސް ޕްރޮޖެކްޓުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕު ސްޓޭޝަން އޮޓޮމޭޓްކުރުމަށްޓަކާ ހަރުކުރަންޖެހޭ އަލާތްތައް ޕަމްޕު ސްޓޭޝަންތަކުގައި ހަރުކުރުމާއި، މި 16 ޕަމްޕު ސްޓޭޝަން މޮނިޓަރކުރުމަށްޓަކާ ސެންޓްރަލައިޒްޑް މޮނިޓަރިންގ ސްޓޭޝަނެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގް ވެހިކަލެއް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މި މަސައްކަތަށް ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި ޖަޕާނުގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާއެކު ސޮއިކުރެވުނު އެއްބަސްވުމުގައި ބުނާގޮތުން، މި މަސައްކަތް 487 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ. އެހެންކަމުން މިއަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިމޭނެއެވެ.
"ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ދަށުން މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ޙަވާލުކޮށްފައިވާއިރު، ހަމަ މި ޕްރޮޖެކްޓުގެ ޕެކޭޖު 1 ގެ ދަށުން މާލޭގެ ބޮޑުހިލައިގެ ބޭރުތޮށި މަރާމާތުކޮށް ތަރައްޤީކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު ވަނީ ސޮއިކޮށްފައެވެ.