ދުނިޔެ

ނިއުކްލިއާ މަޝްވަރާތަކުގެ ކުރިން އެމެރިކާގެ ފަރާތުން އުންމީދީ އިޝާރާތްތަކެއް ލިބެމުންދާކަމަށް އީރާނުން ބުނެފި

ނިއުކްލިއާ މަޝްވަރާތަކުގެ ކުރިން އެމެރިކާގެ ފަރާތުން އުންމީދީ އިޝާރާތްތަކެއް ލިބެމުންދާކަމަށް އީރާނުން ބުނެފި

އިރާނުގެ އިސްވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ފެބްރުއަރީ 2026، 02:01

23 ފެބްރުއަރީ 2026، 02:01

އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިއާ މަޝްވަރާތަކުގެ ކުރިން އެމެރިކާގެ ފަރާތުން "އުންމީދީ އިޝާރާތްތަކެއް" ލިބެމުންދާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

ނަމަވެސް، ކޮންމެ ފަދަ ހާލަތަކަށްވެސް އީރާނުން އޮތީ ތައްޔާރަށް ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

އީރާނުގެ ރައީސް މިހެން ވިދާޅުވީ ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ދަނީ ގަލްފް ސަރަހައްދުގައި އަސްކަރީ ބާރުގަދަކުރަމުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ "ވަރަށް ގޯސް ކަންތައްތަކެއް" ހިނގާފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވީ، އީރާނަކީ ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް މަސައްކަތްކުރާ ގައުމެއް ކަމަށެވެ. "ފަހުގެ މަޝްވަރާތަކުގައި އަމަލީ ހުށަހެޅުންތަކެއް ބަދަލުކުރެވި، އުންމީދީ އިޝާރާތްތަކެއް ވަނީ ލިބިފައި. އެހެންނަމަވެސް، އެމެރިކާގެ އަމަލުތައް އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުންދާނަން،" އޭނާ ވިދާޅުވިއެވެ.

އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް-ބޫސައިދީ ވަނީ އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ކުރިއަށްދާ މަޝްވަރާތަކުގެ ތިންވަނަ ބުރު ސްވިޒަލޭންޑުގެ ޖެނީވާގައި އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އޮމާނަކީ މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެކެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، އީރާނުން އަދިވެސް ދޫނުދީ ހިފަހައްޓަމުންދާތީ ރައީސް ޓްރަމްޕް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. މީގެ ރައްދުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނުން ދޫނުދެނީ އެއީ "އީރާނީން ކަމަށްވާތީ" ކަމަށާއި، ނިއުކްލިއާ ޕްރޮގްރާމަކީ ގައުމީ ފަހުރާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އެމެރިކާއިން މިހާރު ވަނީ މެދުއިރުމައްޗަށް 120 އަށްވުރެ ގިނަ މަތިންދާބޯޓާއި، ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ފޮނުވާފައެވެ. މިއީ 2003 ވަނަ އަހަރު އިރާގަށް އެރި ފަހުން އެމެރިކާއިން މި ސަރަހައްދަށް އެއްފަހަރާ މިހާ ގިނަ އަސްކަރީ ވަސީލަތްތައް ޖަމާކުރި ފުރަތަމަ ފަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450