ޚަބަރު
48 ގަޑިއިރު ތެރޭގައި މާފަންނުން 138,552 ރުފިޔާ ވަގަށް ނަގައިފި: ފުލުހުން
ދިވެހި ފުލުހުންގެ ހެޑްކުއަރޓާސް
މިދިޔަ 48 ގަޑިއިރު ތެރޭގައި މާލޭގެ މާފަންނު ސަރަހައްދުން 138,552 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިކަން ހާމަކުރީ މި މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭގެ ތިން ސަރަހައްދެއްގައި ފުލުހުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާފަންނުގައި ހިނގި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 138,552 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް، އެކި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން 34,720 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގަލޮޅު ސަރަހައްދަށް ބަލާއިރު، އެ ސަރަހައްދުން 35 އިންސިޑެންޓެއް ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ވަނީ އެ ސަރަހައްދުން 151 މީހަކު ހުއްޓުވައި ސުވާލުކޮށް، ތިން މީހަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ގަލޮޅުގެ 738 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، ގެއްލިފައިވާ ފައިސާގެ ތެރެއިން 365,099 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހެންވޭރު ސަރަހައްދުގައި 24 އިންސިޑެންޓެއް ހިނގާފައިވާއިރު، އެ ސަރަހައްދުން 146 މީހަކު ހުއްޓުވައި ސުވާލުކޮށް، އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި ހެންވޭރުގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 380 ރުފިޔާ ގެއްލިފައިވީ ނަމަވެސް، އެކި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 65,000 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
މާލޭގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކުރަމުންދާއިރު، ހެންވޭރުން އެކަނިވެސް 752 ތަނެއް ބަލައި ފާސްކޮށްފައިވާކަން ފާހަގަކުރެވެއެވެ.