ޚަބަރު
އޮރެންޖުގެ އަގު ބާޒާރުމަތީގައި އުފުލިފައި ހުއްޓަސް، އެސްޓީއޯގައި ބޮޑެއް ނޫން
އެސްޓީއޯގައި އޮރެންޖު ކިލޯއެއް ހުރީ 40 ރުފިޔާއަށް---
ފަރުދުން
23 ފެބްރުއަރީ 2026، 09:43
23 ފެބްރުއަރީ 2026، 09:43
ދިވެހިން އާންމުކޮށް ބޭނުންކުރާ އޮރެންޖުގެ އަގު ބާޒާރުމަތީގައި ބޮޑު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ހެޔޮ އަގުގައި އޮރެންޖު ލިބެން އެބަހުއްޓެވެ.
ބާޒާރުމަތީގެ އަގުތަކަށް ބަލާއިރު، ރޯދަމަސް ފެށުނުއިރަށް ވުރެ އޮރެންޖުގެ އަގު މިހާރު ހުރީ މައްޗަށް ގޮސްފައެވެ. އެގޮތުން ރޯދަ މަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި އޮރެންޖެއްގެ އަގު 10 ރުފިޔާ އާއި 12 ރުފިޔާއާ ދެމެދުގައި ހުރި ނަމަވެސް، ރޯދަ މަސް ފެށުނު ފަހުން އަގު އުފުލުނެވެ. އަދި މިހާރު އޮރެންޖު ވަނީ ގިނަ ފިހާރަތަކުން ހުސްވެ، ލިބުން ދަތިވެފައެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަށް ވެސް އިތުރުކޮށްފައިވާ އޮރެންޖު، އެސްޓީއޯގައި ވިއްކަމުން އަންނަނީ ކިލޯއެއް 40 ރުފިޔާއަށެވެ. އޭރުން އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ.
އެސްޓީއޯއިން އޮރެންޖު ގެންނަން ފެށީވެސް، އެއީ ދިވެހީން އާންމުކޮށް ބޭނުންކުރާ މޭވާއަކަށްވެފައި، މާކެޓުގައި އޮރެންޖުގެ އަގު މައްޗަށް ދިއުމާއި، ލިބުން ދަތިވާ ފަހަރުތައް ވެސް އަންނާތީއެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ނިންމީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛުކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.