ޚަބަރު
ކުރިޔަށް އޮތް އިންތިޚާބުގައި ވޯޓުލުމަށް 26،000އަށް ވުރެ ގިނަ މީހުން ރީ-ރެޖިސްޓަރކޮށްފި
ޝަރުތު ހަމަވި ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން / ފޮޓޯ: އީސީ
ފަރުދުން
24 ފެބްރުއަރީ 2026، 11:15
24 ފެބްރުއަރީ 2026، 11:15
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް 26،000އަށް ވުރެ ގިނަ މީހުން ރީ-ރެޖިސްޓަރކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.
އަންނަ މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓްރީވުމަށް ވެސް މި މަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ އިންތިޚާބާ ގުޅިގެން ރީ-ރެޖިސްޓަރވުމަށް ހުޅުވާލި ފުރުސަތު ވެސް ވަނީ މިދިޔަ އާދީއްތަ ދުވަހު ހަމަވެފައެވެ.
އީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުތަކުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް 26،454 މީހަކު ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި 21 ރިޒޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރެޖިސްޓަރވެފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ވޯޓު ފޮއްޓެއް ބެހެއްޓުމަށް ކަނޑައެޅިފައިވާ މިންވަރަށް ރެޖިސްޓަރކޮށްފައި ނުވާތީ، ރާއްޖެއިން ބޭރުގެ އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެކަމަށް ވެސް އީސީއިން ހާމަކުރެއެވެ.
އީސީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، ސިނާޢީ ތަންތަނާއި، ޖަލުތަކާއި، ރިސޯޓްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ މީހުން ފިޔަވާ އެހެން މީހުން ހުންނާނީ މަޖިލިސް އިންތިޚާބު ނިމުނުއިރު ރަޖިސްޓްރީވެފައި ތިބި ތަނެއްގައި ކަމަށެވެ. އެހެންކަމުން ޖުމުލަކޮށް ބަލާނަމަ މި އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި 90،000އަށްވުރެ ގިނަ މީހުން ވޯޓުލާނެކަމަށް ވަނީ ހާމަކޮށްފައެވެ.
ސިޔާސީ 6 ޕާޓީއަކުން ވާދަކުރާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި 2،960 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރޭގައި ޕީއެންސީން 1،322 ކެންޑިޑޭޓުންނާއި އެމްޑީޕީން 905 ކެންޑިޑޭޓުން ހިމެނެއެވެ. ޖުމްހޫރީ ޕާޓީން 15 ދާއިރާއަކަށް ވާދަކުރާއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން 57 ގޮނޑިއަށް ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީން 9 ގޮނޑިއަށް ވާދަކުރާއިރު މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 644 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.
މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.