Ads by PNC

ޚަބަރު

އެމްޓީޑީސީގެ އައު އޮފީސް އިމާރާތް އެޕްރީލް މަހު ހުޅުވަނީ

އެމްޓީޑީސީގެ އައު އޮފީސް އިމާރާތް އެޕްރީލް މަހު ހުޅުވަނީ

ހުޅުމާލޭގައި ތަރައްޤީކުރަމުންދާ އެމްޓީޑީސީގެ އައު އޮފީސް އިމާރާތް. ފޮޓޯ:އެމްޓީޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ފެބްރުއަރީ 2026، 12:09

24 ފެބްރުއަރީ 2026، 12:09

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރާ އައު އޮފީސް އިމާރާތުގެ މަސައްކަތްތައް ނިންމައި، އަންނަ އެޕްރީލް މަހުގެ ތެރޭގައި އެ އިމާރާތް ހުޅުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

މި އިމާރާތް ހުޅުވުމާއެކު ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްޓީޑީސީން އުންމީދު ކުރެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކު ކުރިމަތީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ސީލިންގް އެޅުމާއި، ތަޅުމުގައި މުށިޖެހުމާއި، ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ހަރުކުރުމުގެ އިތުރުން ބޭރުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީޑީސީގެ އަމާޒަކީ އަންނަ މާރިޗު މަހުގެ ނިޔަލަށް އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ. "މި އިމާރާތް އެމްޓީޑީސީގެ އަހަރީ ދުވަހާ ދިމާކޮށް، އަންނަ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ހުޅުވޭނެ،" ނިޔާޒް ވިދާޅުވިއެވެ. މި މަޝްރޫޢަކީ 2023 ވަނަ އަހަރު އެޗްޑީސީއާއެކު ބިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްގެން ފެށި މަސައްކަތެކެވެ.

2205 އަކަމީޓަރުގެ ސަރަޙައްދެއްގައި ބިނާކޮށްފައިވާ މި 11 ފަންގިފިލާގެ އިމާރާތަކީ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި އިމާރާތުގައި ކޮންފަރެންސް ހޯލަކާއި ފުރަތަމަ ފަންގިފިލާގައި ބިޒްނަސް ލައުންޖެއް ހިމެނޭއިރު، އެހެން ބުރިތައް ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ އޮފީސް ޖާގަތަކަށެވެ. މި އިމާރާތް ފަރުމާކުރީ ރާއްޖޭގެ ގެޑޯ އާކިޓެކްޓްސްއިންނެވެ.

މި އިމާރާތުގެ އަމަލީ މަސައްކަތް ކުރަމުންދަނީ ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޮމްޕެނީއިންނެވެ. މި އައު އޮފީސް ކޮމްޕްލެކްސްއަކީ ކުންފުނީގެ ދެމެހެއްޓެނިވި ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްޓީޑީސީން ދެކެއެވެ. އޮފީސް އިމާރާތުގެ އިތުރުން، އެ ކުންފުނިން ދަނީ ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450