ދުނިޔެ
ހަކަބީގެ އިންޓަވިއުއާ ގުޅިގެން އަރަބި ގައުމުތަކުގެ ނުރުހުން އަމާޒުވުމުން، އެމެރިކާގެ އޮފިޝަލުން މަޝްވަރާތައް ފަށައިފި
އެމެރިކާއިން އިޒްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ
އިޒްރާއީލުން މުޅި މެދުއިރުމަތި ހިފުމަކީ ބައިބަލްގެ ގޮތުން އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެ، އެމެރިކާއިން އިޒްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ދެއްކި ވާހަކަތަކާ ގުޅިގެން އަރަބި އަދި އިސްލާމީ ދުނިޔޭގެ ނުރުހުން އަމާޒުވެއްޖެއެވެ.
ޕޮލިޓިކޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ވާހަކަތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު ކޮންޓްރޯލް ކުރުމަށް އެމެރިކާގެ އޮފިޝަލުން މިހާރު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓަކާ ކާލްސަންއަށް ދެއްވި އިންޓަވިއުއެއްގައި ހަކަބީ ދެއްކެވި މި ވާހަކަތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ގެންގުޅުއްވި ސިޔާސަތުތަކާ ހިލާފު ވާހަކަތަކެކެވެ. ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރި އިޒްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ސަރަހައްދީ ލީޑަރުންނަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ހަކަބީގެ މި ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއްޔާ، މިސްރު، އުރުދުން އަދި ޔޫއޭއީ ހިމެނޭހެން 12 އަށްވުރެ ގިނަ ގައުމުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އަރަބި ގައުމުތަކުން ނެރުނު ބަޔާނުގައި ހަކަބީގެ ވާހަކަތަކަކީ "ނުރައްކާތެރި އަދި ފިތުނަ އުފެދޭ" ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ޣައްޒާއާ މެދު އެމެރިކާއިން ގެންގުޅޭ ޕްލޭންތަކާ ސީދާ ފުށުއަރާ ވާހަކަތަކެއް ކަމަށްވެސް އެ ގައުމުތަކުން ބުނެފައިވެއެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ޣައްޒާގެ ކަންކަމުގައި އަރަބި ގައުމުތަކުގެ އެއްބާރުލުން ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގަލްފްގެ އިސް ޑިޕްލޮމެޓަކު ޕޮލިޓިކޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ ވާހަކަތަކުގެ ސަބަބުން އެމެރިކާއިން ސަރަހައްދުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ހުރަސް އެޅޭ ކަމަށެވެ. "އަރަބި ގައުމުތަކުގެ މިނިވަންކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫން، ހާއްސަކޮށް އިޒްރާއީލް ހިމެނޭހެން މުޅި މެދުއިރުމަތި އެކުވެރި ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި،" އޭނާ ވިދާޅުވިއެވެ.
ހަކަބީގެ އިންޓަވިއުގައި ނީލް ކޯރުން ފެށިގެން ފުރާތު ކޯރާ ހަމައަށް އޮންނަ ބިންތަކާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އިޒްރާއީލުން އެ ހުރިހާ ބިމެއް ހިފިޔަސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީން ބުނެފައިވަނީ ހަކަބީގެ ވާހަކަތައް މީޑިއާތަކުން ނަގާފައިވަނީ އޭގެ އަސްލު މާނަ އޮޅޭ ގޮތަށް ކަމަށެވެ. ހަކަބީ އަމިއްލަފުޅަށްވެސް ވަނީ މީޑިއާތަކުން އޭނާގެ ވާހަކަތަކުގެ ފުރިހަމަ މާނައަށް ސަމާލުކަން ނުދޭ ކަމަށް ބުނެ ފާޑުކިޔާފައެވެ.
މި ހާދިސާގެ ސަބަބުން ގަތަރާއި އުރުދުން ފަދަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެމެރިކާއަށް ވަރަށް މުހިންމު ގައުމުތަކެކެވެ.