ދުނިޔެ
ހުޅަނގު އައްސޭރި ހިފުމަށް އިޒްރާއީލުން ކުރާ މަސައްކަތް 20 އަށްވުރެ ގިނަ ގައުމުން ކުށްވެރިކޮށްފި
ހުޅަނގު އައްސޭރި
ފަލަސްތީނުގެ ބިންތަކުގެ މައްޗަށް އިޒްރާއީލުން ބާރު ފޯރުވައި، ގަވާއިދާ ހިލާފަށް އެ ބިންތައް ހިފުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔޭގެ 19 ގައުމެއްގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުނު ބަޔާނެއްގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ބަޔާނުގައި ސޮއިކުރި ގައުމުތަކުގެ ތެރޭގައި ތުރުކީ، ގަތަރު، ފްރާންސް، ބްރެޒިލް، ސައުދީ އަރަބިއްޔާ އަދި މިސްރު ހިމެނެއެވެ. މީގެ އިތުރުން އަރަބި ލީގާއި އިސްލާމީ އެއްބާރުލުމާބެހޭ ޖަމްއިއްޔާ (އޯއައިސީ) އިން ވެސް ވަނީ މި ބަޔާނުގައި ބައިވެރިވެފައެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހުގެ ރޭ ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ހުޅަނގު އައްސޭރީގައި ބިން ރަޖިސްޓްރީ ކުރުމަށް އިޒްރާއީލުން ފަށާފައިވާ މަސައްކަތަކީ އެ ބިންތައް "ދި ފެކްޓޯ އެނެކްސޭޝަން" ނުވަތަ އަމަލީ ގޮތުން އިޒްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މި ނިޒާމުގެ ދަށުން، މިލްކުވެރިކަން ސާބިތުކޮށްނުދެވޭ ފަލަސްތީނު މީހުންގެ ބިންތައް އަތުލުމުގެ ބާރު އިޒްރާއީލަށް ލިބިގެންދާނެއެވެ.
އިޒްރާއީލުން މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސޮއިކުރި މި ރޭވުމުގެ ދަށުން، ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 60 އިންސައްތަ ހިއްސާކުރާ 'އޭރިއާ ސީ' ގެ ހުރިހާ ސަރަހައްދެއްގައި ބިން ރަޖިސްޓްރީ ކުރަން ފަށާނެއެވެ. މިއީ ފަލަސްތީނުގެ ބިންތައް އިޒްރާއީލުގެ "ދައުލަތުގެ ބިން" ތަކެއްގެ ގޮތުގައި ކަނޑައަޅައި، ގަވާއިދާ ހިލާފަށް ވަޒަންވެރިވުން އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް ގައުމުތަކުން ތުހުމަތުކުރެއެވެ.
ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، "މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށާއި 'ޓޫ-ސްޓޭޓް ސޮލިއުޝަން' ތަންފީޒުކުރުމަށް ހުރަސްއެޅުމަށް ގަސްދުގައި ދޭ ހަމަލާއެއް" ކަމަށެވެ. އަދި 1967 ވަނަ އަހަރުން ފެށިގެން އިޒްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިންތަކުގެ އާބާދީއަށާއި ހައިސިއްޔަތަށް ބަދަލު ގެނައުމަށް ކުރާ ކޮންމެ މަސައްކަތެއް ބަޔާނުގައި ވަނީ ރައްދުކޮށްފައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރާއީލުން ވަޒަންވެރިކުރާ މީހުން ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާތައް ހުއްޓުވުމަށް ވެސް ގައުމުތަކުން ވަނީ ގޮވާލާފައެވެ. އަދި 1994 ވަނަ އަހަރުގެ ޕެރިސް ޕްރޮޓޮކޯލްއާ އެއްގޮތަށް، އިޒްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ޓެކްސް ފައިސާ ވަގުތުން ދޫކޮށްލުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ މި މަހުގެ ކުރީކޮޅު މިކަމާ ބެހޭގޮތުން އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އިޒްރާއީލުގެ މި ރޭވުމުގެ ސަބަބުން ފަލަސްތީނު މީހުންގެ މުދަލާއި ބިންތައް ގެއްލި، އެ ސަރަހައްދުގެ މައްޗަށް އިޒްރާއީލުގެ ކޮންޓްރޯލް ފުޅާވެގެންދާނެ ކަމަށެވެ. ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އިން ވެސް ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރާއީލުން ތިބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފައެވެ.