ދުނިޔެ
އީރާނުގެ މާރުކޭޓަކަށް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ހަތަރު މީހުން މަރުވެއްޖެ
އީރާނުގެ މާރުކޭޓަކަށް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުން
އީރާނުގެ މެދުތެރޭގެ ރަށެއްގެ މޭވާ މާރުކޭޓަކަށް އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުންނާއި މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ ދެ ވިޔަފާރިވެރިއަކު މަރުވެއްޖެއެވެ.
އީރާނުގެ އިސްފަހާން ޕްރޮވިންސްގެ ދޯރްޗޭ ކިޔާ ރަށަކަށް މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މި ހާދިސާ ހިނގި ސަރަހައްދަކީ އީރާނުގެ އަސްކަރީ ބޮޑު އެއާބޭސްއެއް އޮންނަ ސަރަހައްދެކެވެ.
އަސްކަރިއްޔާގެ އޭވިއޭޝަން ޓްރެއިނިން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި މަރުވީ ޕައިލެޓް ކާނަލް ހާމިދު ސަރުވަޒާދު އާއި ކޯ-ޕައިލެޓް މޭޖަރ މުޖުތަބާ ކިއާނީ ކަމަށެވެ. މީގެ އިތުރުން ހެލިކޮޕްޓަރު ވެއްޓި އަލިފާން ރޯވުމުގެ ސަބަބުން، މާރުކޭޓުގެ ގޮޅިތަކުގައި މަސައްކަތް ކުރަން ތިބި ދެ މީހަކުވެސް ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ އީރާނުގެ ވައިގެ ސިފައިންގެ ފައިޓަރ ޖެޓެއް ހަމަދާން ޕްރޮވިންސަށް ވެއްޓުނުތާ ހަފްތާއެއްވެސް ނުވަނީހެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ އަސްކަރީ އަދި މަދަނީ މަތިންދާބޯޓުތައް އާކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ޖުޑީޝަރީގެ ފަރާތުން މިހާރު ވަނީ ހާއްސަ މައްސަލައެއް ހުޅުވައި، އިންވެސްޓިގޭޓަރުން އެ ސަރަހައްދަށް ފޮނުވާފައެވެ. ދައުލަތުގެ މީޑިއާއިން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ކަމާބެހޭ ފަރާތްތަކުން ދަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުން ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ނިއުކްލިއާ މަޝްވަރާތަކުގެ އާ ބުރެއް ޖެނީވާގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއާއި އީރާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާގެ ފިއްތުންތަކަށް އެގައުމުން ކެތް ނުކުރާނެ ކަމަށާއި، ނަމަވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ.