ރިޕޯޓް

ރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް 2 އިންތިޚާބު އެއްކޮށްލުމަކީ ޤައުމީ ތަރައްޤީއަށް އޮތް ފަހި މަގެއް

ރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް 2 އިންތިޚާބު އެއްކޮށްލުމަކީ ޤައުމީ ތަރައްޤީއަށް އޮތް ފަހި މަގެއް

އިންތިޚާބެއްގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ފެބްރުއަރީ 2026، 10:32

24 ފެބްރުއަރީ 2026، 10:32

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވެ، އިންތިޚާބުތަކަށް ކުރާ ޚަރަދާއި ވަގުތު ސަލާމަތްކުރުމަށްޓަކައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ މިއަދު ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރި ކަމެކެވެ. މި ދެ އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ބަދަލުގައި، އެއް ދުވަހެއްގައި ނުވަތަ އެއް ދުވަސްވަރެއްގައި ބޭއްވުމަކީ ދައުލަތުގެ ބަޖެޓަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ހަމައެކަނި އިދާރީ ބަދަލެއް ނޫނެވެ. މިއީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް ވެސް މެއެވެ.

މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވޯޓުލުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ޔަޤީނެވެ. ކޮންމެ ފަސް އަހަރަކުން ދެތިން ފަހަރު ވޯޓުލުމަށްޓަކައި ރަށްރަށަށް ދަތުރުކުރުމާއި، ކިއޫގައި މަޑުކުރުމާއި، ޢާންމު މަސައްކަތްތައް ހުއްޓާލަންޖެހުން ފަދަ ކަންކަމަކީ ޢާންމު ރައްޔިތުންނަށް ކުރިމަތިވާ ބުރައެކެވެ. ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ކޮންމެ އިންތިޚާބަކަށް ރަށަށް ދިއުމަށް ކުރަންޖެހޭ ޚަރަދާއި، އުފުލަންޖެހޭ އުނދަގޫތަކަކީ އާދައިގެ ކަމެއް ނޫނެވެ. ދެ އިންތިޚާބު އެއްކޮށްލުމުން، އެއް ފަހަރު ވޯޓުލާ މަރުކަޒަށް ގޮސް ދެ ވޯޓުލުމުގެ ފުރުޞަތު ލިބުމަކީ ރައްޔިތުންގެ ވަގުތާއި ހަކަތަ ސަލާމަތްވެ، އިންތިޚާބުތަކުގައި ބައިވެރިވާ މިންވަރު އިތުރުވެގެންދާނެ ކަމެކެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ވޯޓުލާ އިންތިޚާބަކީ ރިޔާސީ އިންތިޚާބު ކަމަށްވާއިރު، 2013 އިން 2023 ވަނަ އަހަރުގެ ނިޔަލަށް އޮތް ރިޔާސީ އިންތިޚާބުތަކުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ %80 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ނިކުމެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކާފައެވެ. ހަމަ އެހެންމެ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި %91.4 މީހުން ވޯޓުލާން ނިކުތް ނަމަވެސް، މި ޢަދަދު މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ވަނީ ދަށްވެފައެވެ. އެގޮތުން، އެ ދުވަސްވަރު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނިކުތް މީހުންގެ އިންސައްތަ ހުރީ 60-70  އާ ދެމެދުގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތަށް ބަލާއިރު، މިއީ އިންތިޚާބީ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެ ގޮތެއްކަމާމެދު އެއްވެސް ބަޔަކު ދެބަސްނުވާނެކަން ޔަޤީނެވެ. އިންތިޚާބުތަކަށް ބޭނުންވާ ސާމާނު ހޯދުމާއި، އޮފިޝަލުން ތަމްރީނުކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް އެއްކޮށްލުމުން، އެ ސަލާމަތްކުރެވޭ އެތައް މިލިއަން ރުފިޔާއެއް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެއެވެ. އިންތިޚާބުތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށް އަންނަ މެދުކެނޑުންތަކާއި، ސިޔާސީ ސަބަބުތަކަށްޓަކައި މަޝްރޫޢުތައް ހުއްޓުމަކަށް އައުން ފަދަ ކަންކަން މަދުވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މީގެ އިތުރުން، އިންތިޚާބުތަކުގެ މެދުގައި އޮންނަ "ޓްރާންސިޝަނަލް" މުއްދަތު ކުރުވުމުން، ދައުލަތުގެ ހިންގުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.

ސިޔާސީ ގޮތުން ބަލާއިރު، މި ބަދަލުގެ ސަބަބުން މުޖުތަމަޢުގައި އުފެދޭ ނަފްރަތާއި ބައިބައިވުން ކުޑަވެގެންދާނެއެވެ. އަބަދު އިންތިޚާބީ ފޯރީގައި އުޅެންޖެހުމުން ސިޔާސީ ވާދަވެރިކަން އިތުރުވެ، ޢާއިލާތަކާއި ރަށްރަށުގެ ތެރޭގައި އޮންނަ އިޖުތިމާޢީ ބަދަހިކަމަށް ބުރޫއަރާ މަންޒަރު އަބަދުހެން ދަނީ ފެންނަމުންނެވެ. ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ހޫނު ބަހުސްތަކާއި، އެކަކު އަނެކަކަށް ރައްދު ދިނުމުގައި ހައްދުފަހަނަޅައިދިއުން ފަދަ ކަންކަން އަހަރަކު އެތައް ފަހަރަކު ތަކުރާރުވުމަކީ މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ނޭދެވޭ އަސަރުކުރާ ކަމަކަށްވީއިރު، އިންތިޚާބުތައް އެއްކޮށްލުމުން، ސިޔާސީ ކެމްޕޭންތަކުގެ މުއްދަތު ކުރުވެ، މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

ހަމަ އެހެންމެ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޒާމު މިކަމުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެކަން ގިނަ ބަޔަކު މިހާރު ވެސް ޤަބޫލުކުރެއެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން، ރައްޔިތުންނަށް ފުރުޞަތު ލިބެނީ އެއްފަހަރާ ޤައުމުގެ ހިންގުމާއި ޤާނޫނު ހަދާ މަޖިލީހުގެ މިސްރާބު ކަނޑައެޅުމަށެވެ. މީގެ ސަބަބުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ތާޢީދާއެކު ވަޢުދުތައް ފުއްދުމަށް ފުރުޞަތު ލިބި، އިދިކޮޅު ފަރާތްތަކަށް ވެސް ވަރުގަދަ މޮނިޓަރިންގް ނިޒާމެއްގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބާރު ލިބިގެންދާނެއެވެ. މިއީ ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް މިހާރު ތައްޔާރުވަމުންދާއިރު، މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކުގައެވެ. މި ޚިޔާލު ހޯދުމުގެ ވޯޓަކީ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމަވާފައިވާ ވޯޓެކެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، ވަކި ކަންތައްތަކަކަށް ގެންނަ އިޞްލާޙުތައް ތަޞްދީޤުކުރެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުޞޫލަށް ގެނެވޭ ބަދަލުތައް ހިމެނެއެވެ. އެހެންކަމުން، މި ވޯޓުގެ ނަތީޖާއަކީ ޤާނޫނުއަސާސީއަށް ގެނެވޭ މި ބަދަލުތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ޤާނޫނީ މަރުޙަލާއެކެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގެ ރަސްމީ ނަތީޖާ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އިޢުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. 

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ދިރިއުޅުމަށް އަންނާނެ ވަރަށް ބޮޑު ހެޔޮ ބަދަލެކެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަވެ، އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންގެ މެދުގައި އޮންނަ ސިޔާސީ ނުތަނަވަސްކަން ކުޑަވެގެންދާނެއެވެ. އަދި ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ދިއުމަށް މަގުފަހިވާނެއެވެ. އެހެންކަމުން، މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެސީ އިތުރު ހަރުފަތަކަށް ގެންގޮސް، ޤައުމީ މަޞްލަޙަތު އިސްކުރުމަށްޓަކައި ނިންމަންޖެހިފައިވާ ވަށާޖެހޭ މުހިންމު ނިންމުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450