ކުޅިވަރު

މާޒިޔާ ބަލިކޮށް އޮޑި ސްޕޯޓްސްއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

މާޒިޔާ ބަލިކޮށް އޮޑި ސްޕޯޓްސްއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ފެބްރުއަރީ 2026، 01:52

25 ފެބްރުއަރީ 2026، 01:52

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން މުޅިން އަލަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފިއެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އޮޑިން ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީގައި 5-4އިން ކުރި ހޯދައިގެންނެވެ.

މިއީ މާޒިޔާއިން މި ސީޒަންގައި ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗުވެސް ކާމިޔާބުކޮށްފައި ވަނީ މާޒިޔާއެވެ. ނަމަވެސް މި ސީޒަންގައި ތައްޓެއް ހޯދުމަށް އޮޑިން ކުރި މަސައްކަތް މިވަނީ ކާމިޔާބުކޮށްފައެވެ.

ފައިނަލުގައި ފުރަތަމަ ލީޑު ނެގީ، ސެމީފައިނަލްގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު ފައިނަލުން ޖާގަ ހޯދި މާޒިޔާއެވެ. މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނާއިޒް ޙަސަން (ދާދު) ކާމިޔާބުކުރި ގޯލުންނެވެ. އެއީ އެ ޓީމުގެ ކަނާތް ފަރާތުން ފަހަތަށް ކުލެމުންދިޔަ ޙުސެއިން ސިފާއު ޔޫސުފް އޮޑީގެ ޑިފެންޑަރުންގެ ބޯމަތިން ކުޅުނު ބޮޑު ބޯޅައެއް ހޯދައިގެން ދާދު ކާމިޔާބުކުރި ގޯލެކެވެ. 

ނަމަވެސް އޭގެ 11 މިނެޓު ފަހުން އޮޑިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު ކާމިޔާބުކުރީ، އެ ޓީމުން އުފެއްދި ހަމަލާއަކުން ފަހިވި ފުރުސަތެއްގައި ބިދޭސީ ފޯވާޑް ކީނޫ މިގޭލް މާޝް ބުރައުންއެވެ. 

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް ދެ ޓީމުކުރެ އެއްވެސް ޓީމަކަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ޕެނަލްޓީގައި ފުރަތަމަ ކުރި ހޯދީ މާޒިޔާއެވެ. އެއީ ފުރަތަމަ 3 ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އޮޑިއަށް ނާކާމިޔާބުވުމުންނެވެ. ނަމަވެސް ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ފަހު ދެ ޕެނަލްޓީ މާޒިޔާއަށް ކާމިޔާބު ނުކުރެވުމުން، އޮޑިއަށް ހިތްވަރު ލިބުނެވެ. އަދި އެ ޓީމުން ތަށި ޔަޤީން ކުރީ މާޒިޔާގެ 7 ވަނަ ޕެނަލްޓީ ޙުސެއިން ސިފާއުއަށް ނާކާމިޔާބުވިއިރު، އޮޑީގެ ފަހު ޕެނަލްޓީ އަޙުމަދު އައިހަމް ކާމިޔާބު ކުރުމުންނެވެ. 

މާޒިޔާއިން ވަނީ ޖެހިޖެހިގެން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ތިން ފަހަރު ކުޅެފައެވެ. ނަމަވެސް އެ ޓީމަށް ކާމިޔާބު ކުރެވުނީ 2023 ވަނަ އަހަރުގެ ފައިނަލެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ވެސް މާޒިޔާއިން މި މުބާރާތް ކާމިޔާބުކުރިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450