ޚަބަރު
ބްރިޖް ލައިޓް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ސިނަމާލެ ބްރިޖް
މާލޭ ބޮޑުތަކުރުފާނު މަގު، ސިނަމާލެ ބްރިޖް ކައިރީގައި ހުންނަ ޓްރެފިކް ލައިޓް ސަރަހައްދުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، މަގުގެ ޕޭމަންޓް މައްޗަށް އަރައިގެންނެވެ.
މި ހާދިސާ ހިނގި ވަގުތު ސައިކަލުގައި ދެ މީހުން ތިއްބެވެ. އެއީ ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކާއި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ދެ މީހުންވެސް ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"މި ހާދިސާގައި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައި،" ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.