ޚަބަރު
ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ
މި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ
ގދ.ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ. ސްޓެލްކޯއިން މި ޚިދުމަތާއި ހަވާލުވީ މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ސްޓެލްކޯއިން ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ސިޓީގައި ވަނީ، ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވިދާޅުވިއެވެ.
ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ބައެއް އިސްވެރިން އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މެނޭޖިންގ ޑިރެކްޓަރ ވަނީ، އިންޖީނުގެތަކާއި، ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ޤާއިމްކޮށްފައިވާ އެންމެހާ ވަސީލަތްތައް ބެލެހެއްޓުމުގައި ހުރިހާ ފަރާތްތަކުގެ ދައުރު ޒިންމާދާރުކަމާއެކު އަދާކުރުމަށް އެދިވަޑައިގެންފައެވެ.
ތިނަދޫ ސިޓީގައި ސްޓެލްކޯއިން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމަށްޓަކައި ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް.
— STELCO (@STELCOMALDIVES) October 27, 2026
ސަރުކާރު ހިންގުން ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ދިނުމަށް ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެގޮތުން، މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ދަނީ، ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ރަސްމީކޮށް ހަވާލުވަމުންނެވެ. އެކުންފުނިން މިހާރު ވަނީ، ރާއްޖޭގެ އުތުރުން ހއ.އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވެފައެވެ. އަދި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ ކަރަންޓު ޚިދުމަތާއިވެސް އެކުންފުނިން ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.