ޚަބަރު
މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުން ރޯދަމަހުގެ 15 އާ ހަމައަށް ކުރިއަށްދާނެ
މަސްދަޅުކޭސް ދޫކުރުން ފޮޓޯ: ވަން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކުގެ ތެރެއިން މިހާތަނަށް މަސްދަޅު ކޭސް ލިބިފައިނުވާ ފަރާތްތަކަށް ރޯދަ މަހުގެ މެދާ ހަމައަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދުގައި މިހާރު މަސްދަޅު ދޫކުރަމުންދާނީ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސް ސައިޓުންނާއި، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރަތަކުންނެވެ.
ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް ފެށިއިރު މާލެ ސަރަޙައްދުގެ 15 މަރުކަޒަކުން މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާ ހަމައަށް މަސްދަޅު ކޭސްތައް ދޫކޮށްފައިވެއެވެ.
މި ރޯދަ ހަދިޔާއަކީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ހަދިޔާ ހުރިހާ ގޭބިސީތަކަށްވެސް ފޯރުކޮށްދިނުމެވެ.
ރޯދަ ހަދިޔާގެ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސް އަދި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރާނެ. pic.twitter.com/MndbxWa4vW
— Adam Shareef Umar (@Adamshareefz) February 25, 2026