ދުނިޔެ
އީރާނާއެކު އޮތް މައްސަލަތަކަށް ޑިޕްލޮމެޓިކް ހައްލެއް ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ެއެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރުމުގައި ޑިޕްލޮމެޓިކް ނުވަތަ ސުލްހަވެރި މަގު އިހުތިޔާރު ކުރަން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ކޮންގްރެސްގައި ވިދާޅުވެއްޖެއެވެ.
ނަމަވެސް، ހަމައެއާއެކު އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް ބޭނުންވާ ސަބަބުތައް ބަޔާންކުރައްވަމުން ޓްރަމްޕް ވަނީ، އެމެރިކާއާ ހަމައަށް ފޯރާވަރުގެ މިސައިލް އީރާނުން އުފައްދަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގުޅިގެން ބޭއްވި 'ސްޓޭޓް އޮފް ދަ ޔޫނިއަން' ތަގުރީރުގައި ޓްރަމްޕް ވަނީ އީރާނާ މެދު ހަރުކަށި ބަހުރުވަޔަކުން ވާހަކަދައްކަވާފައެވެ. މިދިޔަ އަހަރު އެމެރިކާއިން ދިން ހަމަލާތަކުގައި ހަލާކުކޮށްލި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަލުން އާރާސްތުކުރުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން އެތަންތަން ފުނޑުފުނޑުކޮށްލިން، ނަމަވެސް އެމީހުން ބޭނުންވަނީ އަލުން ފަށަން. މިވަގުތުވެސް އެމީހުން ދަނީ އެމީހުންގެ ނުބައި މަގްސަދުތައް ހާސިލްކުރުމަށް މަސައްކަތް ކުރަމުން" ކަމަށެވެ.
އީރާނާއެކު މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، "އަޅުގަނޑުމެން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނަން" މި ސިއްރު ބަސްތައް އަދި އިވިފައިނުވާ ކަމަށެވެ. އަދި ދުނިޔޭގައި ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދުވަހަކުވެސް ނުދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ ސިފައިންނާއި އާންމުން މަރުވާން މެދުވެރިވި ބޮންގޮއްވުންތަކުގެ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނުގައި ދާދިފަހުން ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މަރާލާފައިވާތީ އެކަންވެސް އޭނާ ކުށްވެރިކުރެއްވިއެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އީރާނުގެ ރެޖީމުން ފަތުރަމުންދަނީ ހަމައެކަނި ޓެރަރިޒަމާއި، މަރާއި އަދި ނަފުރަތެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، އޮމާން މެދުވެރިވެގެން ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނުސީދާ މަޝްވަރާތަކުގެ ތިންވަނަ ބުރު ބުރާސްފަތި ދުވަހު ފެށޭނެއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަނުޖެހުންތަކުން ދުރުވުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަކީ "އަތްފޯރާ ފަށުގައި" އޮތް ކަމެއް ކަމަށެވެ. އަދި އީރާނުން މަޝްވަރާތަކަށް ދަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިންސާފުވެރި އެއްބަސްވުމަކަށް އައުމުގެ އަޒުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.