ދުނިޔެ

2019 ވަނަ އަހަރުގެ އީސްޓާ ހަމަލާއާ ގުޅިގެން ސްރީލަންކާގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ ހައްޔަރުކޮށްފި

2019 ވަނަ އަހަރުގެ އީސްޓާ ހަމަލާއާ ގުޅިގެން ސްރީލަންކާގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ ހައްޔަރުކޮށްފި

2019 ވަނަ އަހަރު އީސްޓާ ގައި ދިން ހަމަލާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ފެބްރުއަރީ 2026، 02:34

25 ފެބްރުއަރީ 2026، 02:34

2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭގައި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ ރިޓަޔަރޑް މޭޖަރ ޖެނެރަލް ސުރޭޝް ސަލޭ ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

 279 މީހުން މަރުވި މި ހަމަލާއާ ގުޅިގެން ސަލޭ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކޮލަމްބޯގެ ރަށުބޭރު ސަރަހައްދަކުންނެވެ.

ތަހުގީގީ އިދާރާގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ސަލޭ ހައްޔަރުކުރީ "އީސްޓާ ސަންޑޭ ހަމަލާ ރޭވުމާއި، އެކަމަށް އެހީތެރިވެދިނުމުގެ" ތުހުމަތުގައެވެ. ގޯޓާބަޔާ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގަތުމަށްފަހު 2019 ވަނަ އަހަރު ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސް.އައި.އެސް) ގެ ވެރިޔަކަށް އައްޔަންކުރި ސަލޭގެ މައްޗަށް މީގެ ކުރިންވެސް މި ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

2019 ވަނަ އަހަރުގެ އީސްޓާ އާދީއްތަ ދުވަހު ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން މި ޖާނުން ފިދާވުމުގެ ހަމަލާތަކުގައި 500 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، 45 ބޭރު ގައުމުތަކުގެ ރައްޔިތުން މަރުވިއެވެ. މި ހަމަލާގެ ސަބަބުން ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އެރިއެވެ. ހަމަލާގެ ފަހަތުގައިވަނީ ހަރުކަށި ފިކުރުގެ ލޯކަލް ގްރޫޕެއް ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް، މި ހަމަލާ ރޭވުމުގައި ސަލޭގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ބްރިޓިޝް ބްރޯޑްކާސްޓަރ ޗެނަލް 4 އިން 2023 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަލޭ ވަނީ ހަމަލާ ދިން މީހުންނާ ބައްދަލުކޮށްފައެވެ. އަދި އެ އަހަރުގެ ރިޔާސީ އިންތިޚާބު ގޯޓާބަޔާ ރާޖަޕަކްސައަށް ކާމިޔާބުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ހަމަލާ ހުއްޓުވުމުގެ ބަދަލުގައި އެކަން ކުރިއަށް ގެންދަން ފުރުސަތު ދިން ކަމަށް ވިސްލްބްލޯވަރަކު އެ ނެޓްވޯކަށް މައުލޫމާތު ދީފައިވެއެވެ. ހަމަލާއަށް ދެދުވަސް ފަހުން ގޯޓާބަޔާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ސަލާމަތީ ކަންކަން ވަރުގަދަކުރާނެ ކަމުގެ ވައުދާއެކު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

ސަލޭ މަގާމުން ވަކިކުރީ 2024 ވަނަ އަހަރު އަނޫރާ ކުމާރާ ޑިސާނަޔަކަ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައެވެ. ޑިސާނަޔަކަ ވަނީ އީސްޓާ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން، އިންޑިއާގެ އިންޓެލިޖެންސުން ހަމަލާގެ ކުރިން ދިން އިންޒާރުތަކަށް އޭރުގެ ކަމާބެހޭ ފަރާތްތަކުން ފަރުވާކުޑަކޮށްފައިވާ ކަމަށްވެސް ތަހުގީގުތަކުން ދައްކައެވެ.

2023 ވަނަ އަހަރު ސްރީލަންކާގެ ސުޕްރީމް ކޯޓުން ވަނީ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިތުރު ހަތަރު އިސް އޮފިޝަލަކު މި ހަމަލާ ހުއްޓުވުމުގައި އިހުމާލުވެފައިވާ ކަމަށް ނިންމާފައެވެ. އަދި ވިކްޓިމްސްގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އދ. އިން ވެސް ވަނީ މި ހަމަލާއާ ގުޅޭގޮތުން ހަދާފައިވާ ތަހުގީގު ރިޕޯޓުތަކުގެ ސިއްރުކޮށްފައިވާ ބައިތައް އާންމުކުރުމަށް ލަންކާ ސަރުކާރުގައި އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450