ދުނިޔެ
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއީލުގެ ވަޒަންވެރިން މިސްކިތެއްގައި ރޯކޮށް ގެއްލުންދީފި
ހުޅަނގު އައްސޭރީގެ މިސްކިތެއް
ހުލާސާ
މިހިނގާ ރަމަޟާން މަހުގެ ތެރޭގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއީލުގެ ހަރުކަށި ވަޒަންވެރިން ފަލަސްތީނުގެ މިސްކިތަކަށް ހަމަލާދީ، އެތަނުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ނާބްލުސް ކައިރީގައި އޮންނަ ސައްރާ އާއި ތަލް އަވަށާ ދެމެދު ހުންނަ އަބޫބަކުރުއްސިއްދީގު މިސްކިތުގައެވެ.
ލޯކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ފަތިސް ނަމާދަށް މީހުން ދިޔައިރު މިސްކިތުގެ ދޮރުމަތީގައި ރޯކޮށްފައިވާ އަލިފާނުގެ ސަބަބުން މުޅި ސަރަހައްދުގައި ވަނީ ދުންބޮލިވެފައެވެ. އަދި މިސްކިތުގެ ފާރުތަކުގައި ނަސްލީ އިމްތިޔާޒާއި ދީނަށް ފުރައްސާރަވާ ފަދަ ލިޔުންތަކާއި ކުރެހުންތައް ކުރަހާފައި ހުއްޓެވެ. މީގެ އިތުރުން މިސްކިތުގެ ބައެއް ބިއްލޫރިތައް ތަޅާލައި، ދޮރުތަކަށް ވެސް ވަނީ ގެއްލުންދީފައެވެ.
މިސްކިތް ކައިރީގައި ދިރިއުޅޭ މުނީރު ރަމްޟާން އޭޕީ ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ސެކިއުރިޓީ ކެމެރާ ފޫޓޭޖުން ފެންނަ ގޮތުގައި ދެ މީހަކު މިސްކިތާ ދިމާލަށް ކުލަ ދަޅުތަކާއި ޕެޓްރޯލް ހިފައިގެން އައިސް ހަމަލާދިނުމަށްފަހު ފިލައިގެން ދިޔައީއެވެ. ހަމަލާދިން މީހުން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފާރުތަކުގައި ލިޔެފައެވެ. އަދި އިޒްރާއީލުގެ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދޭ ހަމަލާތަކުގައި ބޭނުންކުރާ ޝިއާރުތައް ކަމަށްވާ "ބަދަލުހިފުން" އަދި "ޕްރައިސް ޓެގް" ފަދަ ބަސްތައް ވެސް ވަނީ ލިޔެފައެވެ.
ތަލް އަވަށުގެ ރައްޔިތެއް ކަމަށްވާ ސާލިމް އިޝްތަޔާ ބުނި ގޮތުގައި، މި ހަމަލާއަކީ ރަމަޟާން މަހު ރޯދައަށް ތިބި މުސްލިމުންނަށް އަމާޒުކޮށް ގަސްދުގައި ދީފައިވާ ހަމަލާއެކެވެ. "މިއީ ހަމައެކަނި އިންސާނަކަށް ދިން ހަމަލާއެއް ނޫން، މިއީ އިސްލާމްދީނަށާއި އަހަރެމެންގެ އަގީދާއަށް ދިން ހަމަލާއެއް،" އޭނާ ބުންޏެވެ. ފަލަސްތީނުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ހުޅަނގު އައްސޭރީގެ 45 މިސްކިތަކަށް ވަޒަންވެރިން ވަނީ ހަމަލާދީފައެވެ.
އދ. ގެ އޯޗާ (OCHA) އިން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން އިޒްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި 1,090 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން 10,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ވަޒަންވެރިންގެ ބިރުދެއްކުންތަކާއި، ގެދޮރުގައި ރޯކުރުމާއި، މުދަލަށް ގެއްލުންދިނުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، އިޒްރާއީލު ސަރުކާރާއި ސިފައިންގެ ފުރިހަމަ އެއްބާރުލުމާއެކު ވަޒަންވެރިން ދެމުންދާ މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހަމަލާތައް ހުއްޓުވުމަށް އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅާތީ، ވަޒަންވެރިންނަށް އެއްވެސް ބިރެއް ނެތި މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.