Ads by PNC

ޚަބަރު

އަތޮޅުތެރޭގެ 56 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

އަތޮޅުތެރޭގެ 56 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

އަތޮޅުތެރޭގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވުން / ފޮޓޯ: އެމްޕީއެލް

farudhun logo

ފަރުދުން

25 ފެބްރުއަރީ 2026، 10:08

25 ފެބްރުއަރީ 2026، 10:08

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އެ ރަށްތަކަށް ފޮނުވައިފިއެވެ.

ރަށްރަށަށް އެމްބިއުލެންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓް (އެމްޕީއެލް)އިން ހާމަކޮށްފައިވާ ގޮތުގައި، ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

މިއީ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން އެމްޕީއެލްއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްޕީއެލްއިން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެވެ. އަދި އަނެއް 55 އެމްބިއުލާންސްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ފޮނުވާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. 

ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް އެމްޕީއެލްއިން އެއްކޮށް ނިންމާލާފައި ވަނީ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ. 

އެމްބިއުލަންސްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއ،ި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ. 

އަދި އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެމެހެއްޓެނިވިގޮތަކަށް މި އެމްބިއުލާންސްތައް ބޭނުންކުރެވޭނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ. މިގޮތަށް މިކަން ކުރުމަށް ސިއްޙީ ވުޒާރާއާއެކު އެއްބަސްވުމެއް ހަދައި އެމްބިއުލަންސްތައް ސަރވިސްކުރުމާއ،ި ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެ ރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ. އެގޮތުން ޞިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުމަކީ ހުރިހާ ރަށެއްގެ ޝަކުވާއެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450