ޚަބަރު
އިހަވަންދޫގައި އެފްއެސްއެމްގެ ތެޔޮ ޝެޑް ގާއިމްކޮށް ޚިދުމަތް ދޭން ފަށައިފި
އިހަވަންދޫގައި ގާއިމް ކުރި ތެޔޮ ޝެޑް
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ހއ. އިހަވަންދޫގައި ގާއިމްކުރި ތެޔޮ ޝެޑުން މިއަދުން ފެށިގެން އާންމުންނަށް ތެޔޮ ވިއްކަން ފަށައިފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އެއް އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން އިހަވަންދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކަށްވެސް ތެޔޮ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިހަވަންދޫގައި ގާއިމްކުރި މި ޝެޑުން ތެޔޮ ލިބޭނީ މާލެއާ އެއް އަގަކުންނެވެ. މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ތެޔޮ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް މިފަދަ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.